2018 ވަނަ އަހަރުގެ ފިލްމް "ޒީރޯ" ގެ ނާކާމިޔާބަށް ފަހު ބޮލީވުޑްގެ ކިންގް ޚާން، ޝާހްރުކް ޚާން މިދިޔަ ދެތިން ހަފްތާގައި އަވަދިނެތި މަސައްކަތް ކުރަމުންއައީ ކުޑަ މެދުކެނޑުމަކަށްފަހު އޭނާ އެނބުރި ބޮޑުސްކްރީނަށް އައުން ފާހަގަ ކުރާ ފިލްމް "ޕަތަން"ގެ ޝޫޓިންގަ އެވެ.
މި ފިލްމަކީ ބޮލީވުޑް ގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާ ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގައި ޝާހްރުކްގެ އިތުރުން ދީޕިކާ ޕަޑުކޯން، ޖޯން އަބްރަހަމަ އަދި ޑިމްޕަލް ކަޕާޑިއާ ފަދަ ތަރިން ހިމެނެއެވެ. އަދި ހަމައެހެންމެ މި ފިލްމުން ސަލްމާން ޚާންގެ ހާއްސަ ފެނިލުމެއްވެސް ފެނިގެން ދާނެއެވެ.
މީޑިއާ ރިޕޯޓްތަށް ބުނާގޮތުގައި ސަލްމާން ޚާން މިހާރު ޝޫޓިންގ ފަށަން ތައްޔާރުވަމުންދާ ފިލްމް "ޓައިގާ-3″ ގައި ޝާހްރުކް ގެ ހާއްސަ ފެނިލުމެއް ވަނީ ހިމަނާފަ އެވެ. "ޓައިގާ" ސިލްސިލާގެ ތިންވަނަ ފިލްމުން ޝާހްރުކް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު އިރު މިދެމީހުން އެކުގައި ފެނިގެން ދާ ބައިގެ ޝޫޓިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔަޝްރާޖް ފިލްމްސް ސުޓޫޑިއޯގަ އެވެ. މި ދެ ފިލްމަށް ހާއްސަ ކޮށްގެން ވަނީ ބޮޑެތި ސެޓްތަކެއް ހަދާފައިއެވެ.
"ޓައިގާ-3″ ގެ ޝޫޓިން މިއަދު ފެށުމަށް ވަނީ ތާވަލް ކޮށްފައެވެ. "ޕަތަން" ގައި ސަލްމާނާއި ޝާހްރުކް އެކުގައި ފެނިގެންދާ ބައި ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ ގައުމެއްގައި ކަމަށް ވަނީ ޚަބަރު ފެތުރިފަ އެވެ.
"ޓައިގާ-3″ އަދި "ޕަތަން" އަކީ އަދިތިޔާ ޗޯޕްރާގެ ޔަޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ 2 ފިލްމެވެ.