ރާއްޖޭގެ ވެރިކަމުގައި ތިއްބެވި އިސްބޭފުޅުންގެ އަމަލުތަކާއި ވާހަތަކައް ހުރިގޮތުން ޖިންސީ ގޯނާއާއި ފުރައްސާރައަށް ހިތްވަރުލިބި އާންމު ރައްކާތެރިކަން ގެއްލިފައިވާކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެ ދެއްކެވި ވާހަކަތަކާިއ ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ މިވާހަތަކުން ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ހިއްވަރު ލިބިފައިވާކަމަށެވެ.
ޤާނޫނުލް އުޤޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވަ ކަމެއް ތަޚްޤީގު ކުރުމުގެ ބަދަލުގައި އެކަން ކުުރުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެފަދަ މައްސަލަތަކަށް ހިއްވަރުލިބޭ ގޮތަށް ވާހަކަ ދެއްކުމަކީ ޤާނޫނުގެ ބާރު ކަނޑުވާލުމަށް ކުރެވޭ މަސައްކަތެއްކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އަމާންކަމާއި ރައްކާތެރިކަން ގެއްލި ފާޚިޝް އަމަލުތައް ކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށެވެ.
ޤާނޫނުލްއުޤޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކޮންމެ ކަމެއް ތަޙްޤީޤްކޮށް، ހަމަހަމަކޮށް ދަޢުވާކުރަންޖެހޭނެ. ވަކި ބަޔަކު ކުރީމާ ކުށަކަށް ނުވާ އުޞޫލެއް ނޯވޭ. ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ. ގިނަ ބަޔަކަށް ރައްކާތެރިކަން ގެއްލިއްޖެ!
– ޑރ.މުހައްމަދު ޖަލީމް އަހުމަދު
ހުޅުމާލޭގެ ރޭޕް މައްސަލާގައި މިނިސްޓަރ އިމްރާން ރޭ ދެއްކި ވާހަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑިކުޔުން އަމާޒުވެފައިވާއިރު، އިމްރާންގެ މައްސަލަ ބެލުމަށް ޤާނޫނީ ޓީމަކުން ވަނީ މަޖިލީހަށްވެސް ހުށައަޅާފައެވެ. އަދި މިއީ މިނިސްޓަރުގެ މަޤާމުގައި ހުންނަވައި މައްސަލަތަކަށް ނުފޫޒު ފޯރުމުގެ ނިޔަތުގައި ދެއްކެވި ވާހަތަކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރޭ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ހުޅުމާލޭގައި ސަފާރިއެއްގައި ކެންޔާ އަންހެނެއް ރޭޕް ކުރިކަމަށް ދެކެވޭ ވާހަކަ ފުރަތަމަ އަޑު އިވިވަޑައިގަތުމުން ހިނގައިގެން އުޅޭނީ ބޮޑު ރޭޕްކޭސްއެއްކަމަށް ފުރަތަމަ ހީފުޅުވިކަމަށެވެ. ނަމަވެސް ކަން ހިނގައިދިޔަ ގޮތް ހަޤީގަތަށް ބެލުމުން އެނގުނީ މިކަމުގައި ހިނގާފައިވަނީ މީހަކު ޢާންމު ތަނެއްގައިވެސް ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ