ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލާގައި ހެކި ހުރިކަމަށް ވިދާޅުވެ މޭޑޭ މުޒާހަރާގައި މިހާރުގެ ހޯމް މިނިސްޓަރު ދައްކަވާފައިވާ ވާހަތަކަކީ ސިޔާސީ މަންފާއެއް ހޯދުމަށް ދެއްކި ވާހަކަތަކެއްކަމަށް މިހާރު ޔަގީން ކުރެވިއްޖެ ކަމުގައި ވިލިމާލެދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލާގައި ހެކި ހުރިކަމަށް ވިދާޅުވެ މޭޑޭ މުޒާހަރާގައި ދެއްކެވި ކަރުދާސްތައް ކުރީ ސަރުކާރުން އަތުލައި، އެކަރުދާސްތައް ނައްތާލާފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ މިދިޔަ ހަފްތާގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. އިމްރާންގެ މިވާހަކަތަކާއި ގުޅިގެން އުޝާމް ވިދާޅުވީ ރޭޕް މައްސަލާގައި ހަގީގަތް އޮއްބާލުމަށް ކުރަމުންދާ މަސައްކަތުން މިނިސްޓަރ އިމްރާންއަކީ ސިޔާސީ މަންފާ ހާސިލް ކުރުމަށް ވާހަކަ ދައްކާ ބޭފުޅެއްކަން އެނގިގެން ގޮސްފައިވާކަމަށެވެ.
ޝައިހް އިމްރާން މިހާރު މިދައްކަވާ ވާހަކަތަކަށް ބަލާއިރު އެމަނިކުފާނު މަރުތަކުގެ ވާހަކަ އޭރު ދެއްކެވީ އެއްވެސް ހެއްކެއް ހުރެގެން ނޫންކަމާއި ސިޔާސީ ފައިދާތަކެއް ހޯދުމަށްކަން ވަރަށް ސާފު. މިއަދު އަނެއްކާ ރައްޔިތުންނަށް އިތުރަށް އޮޅުވާލުމަށްޓަކާ މުޅިން އާވާހަކަތަކެއް މިދައްކަވަނީ.
– އަހުމަދު އުޝާމް
2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޞްވާންގެ މައްސަލަ ރައީސް ޔާމިންގެ އިސްތަށިފުޅުގައި އަޅުއްވާ ދެއްކެވި ކަރުދާސްތައް މިހާރު ކޮބައިތޯ ނައިފަރު ދާއިރާގެ މެމްބަރު ކުރެއްވި ސުވާލުގައި މަޖިލީހުގައި ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރާއި ގުޅިގެން އެމަނިކުފާނު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރިކަމަށާއި، އެމަނިކުފާނުގެ އަތްޕުޅުގައި ހުރިކަމަށް ވިދާޅުވި ކަރުދާސްތައްވެސް އެސަރުކާރުގައި ގެންގޮސްފައިވާކަމަށެވެ.
އެލިޔުންތައް ނުވަތަ ކަރުދާސްތައް ގެންދެވީ މުޒާހަރާއާއި ގުޅިގެން އެމަނިކުފާނު ހައްޔަރުކުރައްވަން އައި ފުލުހުންކަމަށާއި، މިހާރު އެކަރުދާސްތަކަށްވީގޮތެއް ހޯދަން ޖެހޭނީ ތަހުގީގެއް ހިންގަންކަމަށެވެ. ނަމަވެސް ވަރަށް ގިނަތަހުގީގުތައް ހިންގަން އެބަހުރިކަމަށާއި، ނަމަވެސް އެތަހުގީގައި ހަމައަށްވެސް އަދި ދެވޭނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އަދި ހުޅުމާލޭގަިއ ހިނގައިދިޔަ ރޭޕް ކޭސްއާއި ގުޅިގެންވެސް މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ކެންޔާ އަންހެނެއް ރޭޕް ކުރިކަމަށް ދެކެވޭ ވާހަކަ ފުރަތަމަ އަޑު އިވިވަޑައިގަތުމުން ހިނގައިގެން އުޅޭނީ ބޮޑު ރޭޕްކޭސްއެއްކަމަށް ފުރަތަމަ ހީފުޅުވިކަމަށެވެ. ނަމަވެސް ކަން ހިނގައިދިޔަ ގޮތް ހަޤީގަތަށް ބެލުމުން އެނގުނީ މިކަމުގައި ހިނގާފައިވަނީ މީހަކު ޢާންމު ތަނެއްގައިވެސް ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާންގެ މިވާހަތަކާއި ގުޅިގެން އިމްރާންއަށް ގިނަބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އަދި މިމައްސަލާގައި އިމްރާންގެ މައްސަލަ މަޖިލީހުން ބެލުމަށްވެސް ވަނީ ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ