ތަޚްޤީޤުކުރަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ކަންކަން ހިނގާފައިވާކަމަށް ހޯމް މިނިސްޓަރު ވިދާޅުވުމަކީ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ކުރެވުނު ކަމެއް ކަމުގައި ކުރީގެ ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރައްވާފައިވާ އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން އަނީސާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއީ މިމައްސަލައިގެ ކުޑަބޮޑުމިން ނިންމުމުގެ ބާރު މިނިސްޓަރަށް ލިބިގެން ނުވާކަމަށެވެ.
ތަޚްޤީޤީ މަރުހަލައިއޮތް ބޮޑު މައްސަލައެއްގައި ފުލުހުންގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވި އިސްފަރާތުން މިމައްސަލާގައި ވަކިގޮތަކަށް ކަންކަން ދޭހަކޮށްދިނުމަށް މިނިސްޓަރ ވާހަކަ ދެއްކުމަކީ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވުން ނޫންކަމަށް ނުވާނެކަމަށް އަނީސާ ވިދާޅުވިއެވެ. އަދި މިއީ މަޤާމުގެ ހައްސިއްޔަތުން ކުރެވިގެންވަނެ ކަމެއް ނޫންކަމަށް އަނީސާ އަހުމަދު ވިދާޅުވިއެވެ.
ސަފާރީއުޅަނދެއްގައި އަންހެނަކު ރޭޕުކުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުންތަހުގީގު ކުރަމުންދާމައްސަލައިގެ ކުޑަބޮޑުމިން ހޯމްމިނިސްޓަރަށް ކަނޑައެޅުއްވިދާނެބާ؟ މައްސަލަ ތަހުގީގުކޮށްނުނިމޭނަމަ މިނިސްޓަރުގެ ވާހަކަފުޅުން ތަހުގީގަށް ނުފޫޒުފޯރާނެކަމަށްބެލެވިދާނެބާ؟@PoliceMv @ShimranAb
— AneesaAhmed (@AneesaAhmed19) October 25, 2020
ހުޅުމާލޭގެ ސަފާރީއެއްގައިދިވެހި ދެ ފިރިހެނުން ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފުލުހުންނަށް ހުށައަޅަފައިވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެމައްސަލާގައި ފުލުހުންވެސް ވަނީ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭޕުގެ މައްސަލައެއްގެ ގޮތުގައި ނޫންކަމަށް ބުނެފައެވެ. ކެންޔާ އަންހެނަކު ރޭޕްކުރަން އުޅުނުކަމުގެ ތުހުމަތުމަތުކުރެވޭ ދިވެހި ދެ ފިރިހެނަކު ދޫކޮށްލިކަމަށް ތުހުމަތުކުރާ މައްސަލައަށް ގިނަ ބައެއްގެ ފާޑުކިއުން އޭރު އަމާޒުވިއެވެ. ސަބަބަކީ އަނިޔާލިބުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުން ލަސްވުމާއި އެމައްސަލަ ވަކިކޮޅެއގައި ނުޖެހި ކުއްލިއަކަށް ހުއްޓިފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރިއެއްގައި ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކެންޔާ އަންހެންމީހާގެ ބަޔާން ފުލުހުން ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއްވެސް އާންމު ވިއެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.
ކޮމެންޓު ފޮނުވާ