އަފްޣާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރގެ އަންހެން ދަރިފުޅުގެ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކިޑްނެޕް ކުރުމާއި ގުޅިގެން، އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް، ޕާކިސްތާނުގައި ހުންނަވާ އެމްބެސެޑަރގެ އިތުރުން އެގައުމުގައި ތިއްބަވާ އަފްއާނިސްތާނުގެ ސީނިއަރ ހުރިހާ ޑިޕްލޮމޭޓުންވެސް އަބުރާ ގައުމަށް ގެންގޮސްފިއެވެ.
މިހާދިސާއާއި ގުޅިގެން އަފްޣާނިސްތާނުން ޕާކިސްތާނަށް ކަޑައަޅާފައި ހުންނަވާ އެމްބެސެޑަރ ގައުމަށް ގެންދަން އަފްޣާނިސްތާނުން ނިންމުމާ ގުޅިގެން، ތާލިބާނުންނާއި އަފްޣާނިސްތާން ސަރުކާރާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިޔަށްދާ މި ނާޒުކު ދަނޑިވަޅުގައި، އަފްޣާން ޕާކިސްތާން ގުޅުމަށްވަނީ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
އަފްޣާނިސްތާން އެމްބެސެޑަރ ނަޖީބު އަލިޚިލްގެ އަންހެން ދަރިފުޅު ސިލްސިލާ އަލިޚިލް މި ހަފްތާގެ ހުކުރު ދުވަހު ވަނީ ކިޑްނެޕް ކުރުމަށްފަހު އެތައް ގަޑިއިރެއް ވަންދެން ހިފަހައްޓާފައެވެ.
ކޮންބައެއް ނޭގޭ ބަޔަކު އޭނާ އެތައް ގަޑިއިރެއްވަންދެން ހިފެހެއްޓުމަށްފަހު ދޫކޮށްލި އިރު އެ ކުއްޖާއަށް އަބޮޑެތި އަނިޔާތަކެއް ކޮށްފައިވެއެވެ. އަދި ވާ ބޭނުންކޮށްގެން ބަނދެފައި ވާކަމުގެ ނިޝާންތައްވެސް ގައިގެ އެކި ތަންތަނުގައި ފެންނާ ހުރިކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ޕާކިސްތާނުގެ އޮތޯރިޓީތަކުން ބުނެފައިވަނީ، އެގައުމުގެ މުވައްސާސާތަކުން މިހާރު ދަނީ މިހާދިސާ ތަހުގީގް ކުރަމުން ކަމުގައެވެ.
"އަފްޣާން ސަރުކާރުން ވަނީ، ޕާކިސްތާނުގައި މަސައްކަތް ކުރާ އަފްޣާނިސްތާންގެ ޑިޕްލޮމޭޓުންނަށް އެކަށީގެންވާ ރައްކާތެރި މާހައުލެއް ގާއިމް ކޮށްދީ، އަދި މި ޖަރީމާ ހިންގި ފަރާތްތައް ހައްޔަރު ކުރެވި ހައްގު އަދަބު ދެވެންދެން، ޕާކިސްތާނުގައި ހުންނަވާ އެމްބެސެޑަރގެ އިތުރުން ސީނިއާ ހުރިހާ ޑިޕްލޮމޭޓުންވެސް އެބުރި ގައުމަށް ގެންދިއުމަށް ނިންމާފައި،" އަފްޣާނިސްތާން ފޮރިންގ މިނިސްޓްރީން ބުނެފައި ވެއެވެ.
ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ، އަލިޚިލް ކިޑްނެޕް ކުރީ ޕާކިސްތާން ވެރިރަށް އިސްލާމްއާބާދުގައި މަގުމަތިން ހިގާފައި ގެއަށް ދިނިކޮށް ކަމަށެވެ. ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ އޭނާ ދޫކޮށްލުމަށްފަހު މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެވެމުން ދާކަމަށެވެ.
ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދަކީ، އާންމުކޮށް ސެކިއުރިޓީ ވަރަށް ވަރުގަދަކޮށް އޮންނަ ސިޓީއެކެވެ. މިއީ 1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.
އަފްޣާނިސްތާން ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ، ހާލަތު ދެނެގަތުމަށްޓަކާ އަގްއާން ޑެލިގޭޝަންއެއް ޕާކިސްތާނަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެއަށްފަހު މިހާދިސާއާއި ގުޅިގެން އިތުރު ވިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ