ޤަތަރުގެ ގްރީން ލިސްޓަށް ރާއްޖެ: ދަތުރުވެރިންނަށް ލުއި ފަސޭހަ ތަކެއް

ޤަތަރުގެ ގްރީން ލިސްޓަށް ރާއްޖެ: ދަތުރުވެރިންނަށް ލުއި ފަސޭހަ ތަކެއް

Author
ޢަލީ އާދަމް
25 އޮކްޓޯބަރ 2020 10:39
0

ކޯވިޑް-19ގެ ސަބަބުން ޤަތަރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނައިފިއެވެ.

އެ ގައުމުން ދަތުރުފަތުރު ކުރުން ރައްކާތެރި ތަންތަން ހިމަނައި އެކުލަވާލާފައިވާ ގްރީން ލިސްޓް މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރިއިރު ރާއްޖޭގެ ނަން ވަނީ ހިމަނާފައެވެ. މި ލިސްޓްގައި ނަން ހިމެނުމުން ރާއްޖެއިން ޤަތަރަށްދާ މީހުން ކަރަންޓީނު ވުމުގައި ލުއިތަކެއް ލިބޭނެއެވެ. ޤަތަރުގެ ގްރީން ލިސްޓަށް ނަން އަރާ ކޮންމެ ތަނަކުން އެ ގައުމަށް ދަތުރުކުރާ މީހުނަށް ކަރަންޓީނު ފުރިހަމަ ކުރުމާއި ކޯވިޑު-19ގެ ސަބަބުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ލިބޭނެކަމަށް އެގައުމުން ބުނެއެވެ.

އެގޮތުން މިހާރު ރާއްޖެ އައުމަށްފަހު ޤަތަރަށް ދާ މީހުން ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނީ ގޭގައި ތިބެގެން 1 ހަފްތާއެވެ. މީގެ ކުރިން ނަމަ 2 ހަފްތާ ހޮޓަލެއްގައި ކަރަންޓީނު ވާންޖެހެއެވެ. ޤަތަރުގެ ގްރީން ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޯވިޑު 19 ފެތުރޭ މިންވަރު ބެލުމަށްފަހު ކަމަށް ޤަތަރުގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. ޤަތަރުގެ ދޯހާ އަކީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފެށި މަންޒިލެވެ. ދޯހާ ފާހަގަވަނީ އެހެން ގައުމުތަކުން ދަތުރުކުރާ ގިނަ މީހުންވެސް ޓްރާންސިޓްވާ އެއަރޕޯޓެއްގެ ގޮތުގައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު އައި ފުރަތަމަ ފްލައިޓް – ފޮޓޯ: ވީއައިއޭ

ޤަތަރުގެ އިތުރުން އިނގިރޭސި ވިލާތުންވެސް ވަނީ އެ ގައުމުން ދަތުރުކުރުމުގައި ލުއިދޭ ގައުމުތައް ހިމެނޭ ޓްރެވަލް ކޮރިޑޯސް ލިސްޓުގައި ރާއްޖޭގެ ނަން ހިމަނާފައެވެ. ބުރާސްފަތި ދުވަހު މިކަން އިއުލާނުކޮށް އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ސެކްރެޓަރީ ގްރާންޓް ޝޭޕްސް ވިދާޅުވީ މިއަދު ފަތިހު 4 އަކުން ފެށިގެން ރާއްޖެއިން އިގިރޭސިވިލާތަށް އެތެރެވާ އެ ގައުމުގެ ރައްޔިތުން 14 ދުވަހުގެ އައިސޮލޭޝަން ފުރިހަމަ ކުރަން ނުޖެހޭނެ ކަމަށެވެ.

ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމަށް ވާއިރު މި ފަދަ ލުއިތަކާއިއެކު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން، ހާއްސަކޮށް އަމިއްލަ ޖެޓުގައި ދަތުރުކުރާ މުއްސަނދިން ރާއްޖެ އަންނަ މިންވަރު އިތުރުވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.