ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި، މިސަރުކާރުން ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށްފަހު ރައީސް ޔާމީން މިނިވަން ކުރަންޖެހޭ ކަމުގައި ޕީންއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދީފައިވަނީ އޭނާ ނިދުމުގައި މައްސަލަތަކެއް ހުރުމުންކަމަށާއި، އެގޮތުން ޚާއްޞާ މެޝިނެއް ބޭނުން ކުރަންޖެހޭތީކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ތަފާތުކުރުން ނައްތާލައި ރައީސް ޔާމީން މިނިވަން ކުރަންޖެހޭކަމަށެވެ.
ރައީސް ޔާމީން ޖަލަށްލަފައިވަނީ ނުހައްގުންކަން ދިވެހި ރައްޔިތުންނަށް އެގޭއިރު، ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ރައީސް ޔާމީން ޖަލުގައި ބަހައްޓާ ކޮންމެ ދުވަހަކީ އެމަނިކުފާނަށް ނުހައްގުންދޭ އަނިޔާއެއްކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން. އެއްވެސް ޝަރުތަކާއި ނުލައި މިނިވަން ކުރަންޖެހޭ. ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ އަނިޔާކުރުން. ތަފާތު ނުކޮށް، ގެއަށް ބަދަލުކުރައްވާ! ޤާނޫނާއި ގަވާއިދުގެ ދަށުން ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށްވެސް ދެވެން އޮންނަ ލުޔެއް ދިނުން އޯކޭ.
– އާދަމް ޝަރީފް އުމަރު
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ އަދީބު ނިދުމުގައި މައްސަލަތަކެއް ފާހަގަ ކުރެވިފައިވަނީ ޖަލު ތެރެއަށް ވެއްޓި ނިތްކުރި ދުޅަވުމަށްފަހު ދިމާވި މައްސަލަތަކެއްގައިކަމަށް ޑޮކްޓަރުން ދޫކޯށްފައިވާ ލިޔެކިއުމުން އެނގޭކަމަށެވެ. އެގޮތުން އަދީބު ނިދުމުގައި މައްސަލަތަކެއް ހުރުމުން އޭނާ ނިދުމުގައި ޚާއްޞަ މެޝިނެއް ބޭނުންކުރުމަށް ޑޮކްޓަރުންލަފާދެއްވާފައިވާތީ އެމެޝިނަކީ ޖަލުގައި ބަހައްޓައިގެން ބޭނުންކުރެވޭނެ މެޝިނަކަށްވެސް ނުވާތީކަމަށެވެ. އެހެންކަމުން އަދީބު ގޭ ބަންދަށް ބަދަލުކުރީ އެހުރިހާ ކަމަކަށް ރިޔާއަތްކޮށްކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހިޔާނާތުގައި ބައިވެރިވިކަމުގެ ކުށިގެ ދެ ދައުވާއާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާއާއި ރަސްމީ ހައްސިއްޔަތު ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އެހުރިހާ ދައުވާއެއް ސާބިތު އަދީބު އަންނަނީ 20 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރަމުންނެވެ. ނަމަވެސް އަދީބު ހުކުމް ތަންފީޒު ކުރަމުންދަނީ ގޭގައި އޮންނަވައިގެންނެވެ.
ކޮމެންޓު ފޮނުވާ