ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ ރެޕްރެޒެންޓޭޓިވްއާ ބައްދަލުކުރައްވައިފި

ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ ރެޕްރެޒެންޓޭޓިވްއާ ބައްދަލުކުރައްވައިފި

ޔުނިސެފްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް މިސް މަރްޖާން މޮންތަޒެމީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިސް މޮންތަޒެމީ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވްކަމާއި ހަވާލުވެވެޑައިގެންނެވުމުން އެކަމަށް މަރުޙަބާ ދަންނަވާފެއެވެ. އަދި ދެބޭފުޅުން ވަނީ ކުޑަކުދިންގެ ޙިމާޔަތާއި ރައްކާތެރިކަމާއި، ތަޢުލީމާއި، ކޮވިޑްގެ ސަބަބުން އެކުދިންނަށް ކޮށްފާނެ އަސަރުތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މިސް މޮންތަޒެމީ ވަނީ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ސަޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް ޔުނިސެފުން ރާވާމުންދާ ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޔުނިސެފުން ހިންގާ ޕްރޮގްރާމްތަކުގައި އެކަމަނާގެ އެއްބާރުލުމާއި އެހީތެރިކަން ކުރިއެކޭވެސް އެއްފަދައިން ދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި މިސް މޮންތަޒެމީ ވަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޑަކުދިން ގޭގައި ތިބެންޖެހުމުން، ކުޑަކުދިންނަށް ބޭރުގައި ނިކުމެއުޅުމާއި ސްކޫލަށް އަނބުރާ ދިއުމަށް ބޮޑު ހިތް ނުތަނަވަސްކަމަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. ވުމާއިއެކު، މިވަގުތު ކުޑަކުދިންނަށް އެންމެ މުހިއްމުކަމަކީ ރައްކާތެރިކަމާއެކު އަލުން އަނބުރާ ސްކޫލަށް ނުކުމެވޭނެ ގޮތް މެދުވެރިވުންކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޔުނިސެފުން ރާއްޖެއަށް ކޮށްދެއްވަމުން ގެންދަވާ ކަންކަން އަދި ވަކިން ޚާއްސަކޮށް ކުޑަކުދިންނާއި ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ކޮށްދެއްވާ ކަންކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *