ލ.ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަހު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމުގައި އެމްޓީސީސީން ހާމަކޮށްފި އެވެ.
އެމްޓީސީސީން ވިދާޅުވީ ފޮނަދޫ މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. އަދި މިމަސައްކަތް އެއްކޮށް ނިމޭއިރު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމާއެކު ފޮނަދޫ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ. މިމަޝްރޫޢުގެ ދަށުން ފޮނަދޫގެ މަގުތަކުގައި އަޅާފައިހުރި ގާތައް ނެގުމަށްފަހު މަގު އެއްވަރު ކުރުމާއި ސަބް ގްރޭޑިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މަގު ލެވެލްކޮށް ހެދުމަށްފަހު މިހާރު ތައްޔާރުވަމުންދަނީ ތާރު އެޅުމުގެ މަސައްކަތް ފެށުމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އެމްޓީސީސީން ހާމަކުރެ އެވެ.
"ލ. ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ވަނީ ފަށާފައި. މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަސްތެރޭ ފެށޭނެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 26 ޖޫން 2019 ގައި" އެމްޓީސީސީން ކޮށްފައިވާ ޓްވީޓްގައި ވެއެވެ.
ލ. ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ވަނީ ފަށާފައި. މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަސްތެރޭ ފެށޭނެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 26 ޖޫން 2019 ގައި. pic.twitter.com/u6mU6LZGS9
— MTCC Plc (@MTCCPlc) October 4, 2020
މިމަޝްރޫޢުގެ ދަށުން ފޮނަދޫގެ 12 މަގެއްގައި ހަތާވީސްހާސް އަށްސަތޭކައަށްވުރެ ބޮޑު ސަރަޙައްދެއްގައި ތާރުއެޅުމަށްވަނީ ނިންމާފައެވެ. އެއީ 3.5 ކިލޯ މީޓަރުގެ ސަރަޙައްދެއްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން މަގުމަތީގައި ހަރުކުރަންޖެހޭ ނިޝާންތައް ފާހަގަކޮށް ސްޕީޑް ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ހައުންސިންގ މިނިސްޓްރީން މިމަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާއަށެވެ. މިމަޝްރޫއޫގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގައެވެ.
ކޮމެންޓު ފޮނުވާ