ދެކުނު އޭޝިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބޯޑަރު ހުޅުވާލިޔަސް މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކުގައި ޗެކިން ނުވެވޭނެކަމަށް އެޗްއީއޯސީން ބުނެފިއެވެ.
ހެެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް ހުޅުވާލުމަށް ނިންމާފައިވީނަމަވެސް ވަކިގޮތެއް އަންގަންދެން ސައުތު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ނުވެވޭނެކަމުގައެވެ.
އެހެންނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓްކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެ ކަމަށެވެ.
އަދި، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެގޮތްތައް ކަނޑައަޅައި އެކަން 2021 ޖުލައި 30 ގެ ކުރިން އަންގާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުން އަލުން ހުޅުވާލިފަހުން މިއަހަރުގެ މެއި މަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިއައީ އިންޑިއާއިންނެވެ.އެހެން ނަމަވެސް ރާއްޖެއިން އެޤައުމުން އަންނަ ފަތުުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުން ހުއްޓާލުމާއެކު، ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި އަސަރުތަކެއް ވަނީކޮށްފައެވެ.