މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް، އޭނާ އަލުން ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.
އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ، އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މީ އެނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އޭނާގެ ބަންދުގެ މުއްދަތު ރިވިއުކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީއާއި، މުޖުތަމަޢުއަށް ނުރައްކާވާކަމުގެ އިހުމާލު އޮތްކަމަށް ވިދާޅުވެ އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާ ޝަރީޢަތަށް ޙާޒިރު ނުވެދާނެކަމާއި، ފިލައިގެން ދިއުމުގެ ބިރުވެސް އޮތްކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުން އޭނާ ފިލައިގެން ގޮސްދާނެކަމަށް ތަކުރާރުކޮށް ފާހަގަކުރަމުން ދިއުމުން ޝަރީޢަތުގައި އަޙްމަދު މޫސާއާއި، އޭނާގެ ވަކީލުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އަޙްމަދު މޫސާ ވަނީ ފިލައިގެން ނުދާނެކަމުގެ ޔަޤީންކަން ދޭކަމަށް ބުނެފައެވެ. އޭނާ ބުނީ، ރާއްޖެއައީވެސް އަމިއްލަ އިހްތިޔާރުގައިކަމަށާއި، މިހާރުގެ ބަލި ހާލަތު ހުރިގޮތުން ޝަރުތުތަކަކާއެކު ނަމަވެސް ބަންދަށް ލުއިދިނުމަށް އެދޭކަމަށެވެ. މިއާއެކު މައްސަލަ ބައްލަވާ ޤާޟީ ވަނީ މިއީ ބަންދުގައި ބަހައްޓައިގެން ކުރިއަށްގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ވިދާޅުވެ، ދެ ޝަރުތަކާއެކު އޭނާ ބަންދުން ދޫކޮށްލާފައެވެ. އެއީ މާލެއިން ބޭރަށް ނުދިއުމަށާއި، ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށް ޝަރުތުކޮށްފައެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ.
އަޙްމަދު މުސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.