ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާގެ ތަޙުޤީޤު ކުރިޔަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި ޚާއްޞަ މަންދޫބު އައްބާސް ފާއިޒް، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.
މޭމަހުގެ 6 ބަނަދުވަހުގެރޭ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަޙުޤީޤު ކުރިޔަށްދާ ގޮތް ބެއްލެވުމަށް އައްބާސް ފާއިޒް ރާއްޖެ ވަޑައިގަތީ މިމަހުގެ 2 ވަނަދުވަހުއެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ ރައީސްގެ ޚާއްޞަ މަންދޫބާއި މާރިޔާ ބައްދަލުކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. އެހެންނަމަވެސް މި ބައްދަލވުމުގެ ތަފްސީލެއް އެ މިނިސްޓްރީއަކުން ހާމައެއް ނުކުރައްވައެވެ.
އައްބާސް ފާއިޒްވަނީ ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން މަޖިލިސް އިންކުއަރީ ކުރިޔަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީއާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲއާ ވެސް މިމަހުގެ 4 ވަނަދުވަހު ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއްވެސް އައްބާސް ތައްޔާރުކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ދެމުން އައި ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށްފަހު މަޖިލީހުގެ 241 ކޮމެޓިން އެކުލަވާލި އިންކުއަރީ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އާއްމުކޮށްފައެވެ. މި ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ކަން ހިނގާފައިވާ ގޮތާއި، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކާއި، ޑޮކްޓަރުންގެ ޓީމުގެ މަސައްކަތާއި، ރައީސް ނަޝީދަށް ހަމަލާދިން ދުވަހު ކަން ހިނގާފައިވާ ގޮތާއި، ހަމަލާދިނުމަށްފަހު ކަން ހިނގާފައިވާ ގޮތާއި، އޭޑީކޭ ހޮސްޕިޓަލުގެ ފާޚާނާއެއްގެ ތެރެއިން ފެނުނު ފިސްތޯލައާއި ގުޅޭ 4 ކަމަކާއި، އިންޓެލިޖެންސް މައުލޫމާތު އެއްކުރުމާއި، އެމައުލޫމާތު ޙިއްސާކޮށްފައިވާ ކަންކަން މި ރިޕޯޓުގައި ވަނީ ހިމަނާފައެވެ.
މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީ ނިންމާ އާއްމުކޮށްފައިވާ ރިޕޯޓަކީ ވަރަށް ފުރިހަމަ ރިޕޯޓެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ