ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރަން ނިންމި ނިންމުން މަޑުޖައްސާލައިފި

ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރަން ނިންމި ނިންމުން މަޑުޖައްސާލައިފި

Author
މުޙައްމަދު ޖިމީ
24 އޮކްޓޯބަރ 2020 07:18
0

އައްޑޫސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ހުރި މައްސަލަތައް ފާހަގަކޮށް ޕެޓިޝަންގައި ސޮއިކޮށްގެން 4 ދަރިވަރަކު ވަކިކުރަން ނިންމި ނިންމުމަށް ޢަމަލުކުރުން މަޑުޖައްސާލައިފިއެވެ.

އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލް، އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ) ގައި ކިޔަވަމުން އަންނަ 86 ދަރިވަރަކު ސޮއިކޮށް ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށައަޅާފައެވެ. އެމައްސަލާގައި ބައެއް ދަރިވަރުން ވަކިކުރަން ނިންމާ އެދަރިވަރުންނަށް އިއްޔެ އެކަޑަމީން ވަނީ ސިޓީ ފޮނުވާފައެވެ. ނަމަވެސް މިއަދު އެ އެކަޑަމީން ދަރިވަރުންނަށް ފޮނުވި ސިޓީގައި ވަނީ ފްލައިން ސްކޫލުން އެދަރިވަރުން ވަކިކުރަން ނިންމި ނިންމުން މިހާރު މަޑުޖައްސާލާފައިވާކަމަށެވެ. އަދި އެމައްސަލަ ރިވިއު ކޮމިޓީން ބަލަމުންދާކަމަށްވެސް ދަރިވަރުންނަށް ފޮނުވި ސިޓީގައި ވެއެވެ.

ދަރިވަރުން ވަކިކުރަން ނިންމި ނިންމުން މަޑުޖައްސާލާފައި މިވަނީ ދަރިވަރުން ވަކިކުރަން ނިންމި ނިންމުން ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެ އެކަޑަމީއަށް އަންގާފައިވަނިކޮށެވެ. ފްލައިން ސްކޫލާއި ދެކޮޅަށް ބައެއް ދަރިވަރުން ޕެޓިޝަނެއްހަފާ ސޮއިކޮށްފައިވަނީ، ބޮޑު އަގު ނަގައިގެން އެތަން ހިންގަމުން އަންނައިރު، ކުދިންގެ މެދުގައި ތަފާތުކުރުމާއި، ބިދޭސީންނަށް އިސްކަންދެމުން އަންނަކަމަށް ބުނެއެވެ. އެދަރިވަރުންގެ ޕެޓިޝަނުގައި ވަނީ އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ޚަރަދެއް ދަރިވަރުންގެ އަތުން ހިނގަމުން އަންނަކަމަށެވެ. އަދި ކޯސް ފުރިހަމަނުވެ މުއްދަތު ދިގުލަިއގެން ދިއުމުގެ ނުތަނަވަސްކަންވެސް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

އެދަރިވަރުންގެ ޕެޓިޝަނާއި ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރީން ވަނީ ފްލައިން ސްކޫލާމެދު ފިޔަވަޅު އަޅަފައެވެ. އެގޮތުން މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތަމްރީން ފުރިހަމަނުވަނީސް އެތަނަށް އިތުރު ދަރިވަރުން ނުނެގުމަށް ވަނީ އަންގާފައެވެ. އެމިނިސްޓްރީން އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅުއަޅަން ނިންމެވީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހާއި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ، މިމުއްދަތުގައިވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ، ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއިއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް ކަމަށް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްގެ ނަމުގައި ހިންގާ ފްލައިން ސްކޫލަކީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވި، އޮޕަރޭޝަންސް ސިވިލް އެވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ރެގިއުލޭޓް ކުރަމުންދާ ތަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.