ފިނޭންސް މިނިސްޓްރީން ކުންފުނިތައް ގިންތިކޮށް ޕާފޯމަންސް ބަލަން ގެނައި ބަދަލާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ ބޮޑުކޮށްފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެމްޑީ އާއި ޑީއެމްޑީގެ މުސާރަ ބޮޑު ވެފައިވާކަން އެނގުނީ ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތައް ކެޓަގަރައިޒް ކުރުމާއި މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަން އަދި ބޯޑު މެންބަރުގެ އިނާޔަތްތައް ފިނޭންސް މިނިސްޓްރީން މުރަޖައާ ކުރުމާ ގުޅިގެންނެވެ.
ސަރުކާރުން މުރާޖާކޮށް ކުންފުނިތަކަށް ފޮނުވި ލިޔުމުގައި ވާގޮތުން، ކެޓަގައިޒްކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އެންމެ ދަށް ކެޓަގަރީގެ ކުންފުންޏެއްގެ އެމްޑީގެ މިހާރުގެ މުސާރަ އަށް އެވްރެޖުކޮށް 10،000ރ. އާއި 15،000 ގެ އިތުރުވުމެއް އަންނާނެއެވެ.
އެމްޑީ / ޑީއެމްޑީގެ އަސާސީ މުސާރަ (ޔޫޓިލިޓީ / ޔޫޓިލިޓީ ނޫން ކުންފުނިތައް)
- އޭ ކެޓަރީގެ ކުންފުނިތައް: އެމްޑީ، 52,260ރ. / ޑީއެމްޑީ، 41,808ރ
- ބީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 42,880 / ޑީއެމްޑީ، 34,304ރ
- ސީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 34,304ރ. / ޑީއެމްޑީ، 27,443ރ.
- ޑީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 33,000rރ. / ޑީއެމްޑީ، 26,000ރ.
- އީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 27,443ރ. / ޑީއެމްޑީ، 21,955ރ.
މީގެ އިތުރުން، އެ އުސޫލުގައި ވާގޮތުން، ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން 111 ރަށަށް ވުރެ ގިނަ ރަށުގައި ކުންފުނީގެ ގޮފިތަށް ހިންގަމުންދާ ކުންފުނިތަކަށް "ހާޑްޝިޕް އެލަވަންސް" ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 16،000ރ. ދޭން ވެސް ވަނީ ނިންމާފައެވެ. އަދި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 12،800ރ. ދެވިދާނެއެވެ.
އައު އުސޫލުގައި ވާގޮތުން، "އިޖުތިމާއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް" ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 12،300ރ. ދެވޭއިރު، އަދި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 9،840ރ. ދެވޭނެއެވެ. ނަމަވެސް، "ހާޑްޝިޕް އެލަވަންސާ" އި އިޖުތިމާއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް ކުންފުނީގެ ބޯޑުން ފާސްކޮށް ހަމަޖެއްސުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް ގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުންފުނިތައް ތަފާތު ކެޓަގަރީތަކަކަށް ކޮންމެ ކެޓަގަރީއެއްގައި ހިމެނޭ ކުންފުނި ގިންތިކުރުމުގައި ކުންފުނީގެ "ޓޯޓަލް އެސެޓާއި" "ޕާފޯމަންސް" އަދި މުވައްޒަފުންގެ އަދަދަށް ބަލައި އެމްޑީންގެ މުސާރަ ކަނޑައެޅޭނެ އުސޫލެއް އޮތުމަކީ މެނޭޖިން ޑިރެކްޓަރުން ކުރާ މަސައްކަތާއި އުފުލާ ޒިންމާ އާއި ކުންފުންޏަށް ހޯދައިދޭ ކާމިޔާބީ އަށް ބިނާ ކޮށް މުސާރައާއި އިނާޔަތް ދިނުމަށް މަގު ފަހިވާނެ ކަމެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ