މާލެއާއި ހުޅުލެއާއި ހުޅުމާލެ، އެއް ކަރަންޓު ވިއުގައަކުން ގުޅުވާލަން ސްޓެލްކޯއިން ފަށާފައިވާ މަޝްރޫޢުގެ ދަށުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކުރުމަށް މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ މަސައްކަތްކުރުމަށް މާދަމާ ހެނދުނު 7 އިން 9އަކަށް ކަރަންޓް ކަނޑާލަން ޖެހުމަކީ އެކަށީގެންވާކަމެއްކަމަށެވެ. ސްޓެލްކޯއިން ބުނީ މާދަމާ ކަރަންޓް ކަނޑާލަން ޖެހެނީ، އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމައި، މާލޭގެ ސިސްޓަމާ ގުޅާލުމަށްޓަކައި ކޮންމެހެންވެސް ކުރަން ޖެހޭ މަސައްކަތެއްކުރުމަށްކަމަށެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑާލެވޭނެކަމަށް ވަކި ގަޑިއެއް ބަޔާންކުރިނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަށް ކަރަންޓް ފޯރުކޮށްދޭނެކަމަށެވެ. ސްތެލްކޯއިން ވަނީ ކަރަންޓް ކެނޑާލާފައި ހުންނަ ގަޑީގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
ސްޓެލްކޯއިން ބުނީ، "ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ޕްރޮޖެކްޓް"ގެ ދަށުން މާލެއާއި ހުޅުލެއާއި ހުޅުމާލޭގައި ޑިސްޓްރިބިއުޝަން ސިސްޓަމްތަކާއި ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ނިންމާލާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބްރިޖްމަތީގައި އަޅަންޖެހޭ ކޭބަލްތައް އެޅުމުގެ މަސައްކަތްކަމަށާ، މުޅި މަޝްރޫއުގެ %93 އަށްވުރެ ބޮޑުބައެއް ނިމިފައިވަކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލޭ ކަރަންޓު، އެއްވިއުގައަކުން ގުޅާލުމަށްޓކައި ބްރިޖް މަތިން ޖުމުލަ 6 ކޭބަލް އަޅަން ޖެހެއެވެ. މި ވިއުގައިން 3 ރަށުގެ ކަރަންޓު ގުޅާލާނީ ބްރިޖާއި ހައިވޭ މެދުވެރިކޮށް އަޅާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ކެރީކުރެވޭ ނެޓްވޯކް ކޭބަލެކެވެ.
މި މަސައްކަތް މިއަހަރުގެ ތެރޭ ނިންމަން ކަނޑައަޅާފައިވާއިރު، މި މަޝްރޫޢުގެ ސަބަބުން، އެއް ރަށުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ރަށުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.
މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް އެއް ވިއުއުގައަކުން ގުޅާލުމަށްޓަކައި ކުރިއަށްގެންދާ އިންޓަރކަނެކްޝަން ޕްރޮޖެކްޓްގެ ދަށުން 3 ސަބް ސްޓޭޝަން ހެދުމަށްވަނީ ހަމަޖެހިފައެވެ. މި ސަބް ސްޓޭޝަންތަކަކީ މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލާއިރު، މިކަމަށް ބޭނުންވާ ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ހަދާފައިވާ ސަބް ސްޓޭޝަންތަކެކެވެ.
ސްޓެލްކޯއިން ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުމާލޭގައި 95 އެމްވީއޭ (މެގަ ވޮޓް އެމްޕް)ގެ ޓްރާންސްފޯމަރ ބަހައްޓާނެކަމަށެވެ. އަދި ހުޅުލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 8 އެމްވީއޭގެ ޓްރާންސްފޯމަރެވެ.
މި މަަޝްރޫޢަކީ ގްރޭޓަރ މާލެ ސަރަޙައްދަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ޙައްލު ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މާލެ ސަރަހައްދުގައި ކަރަންޓުގެ ޑިމާންޑު އަހަރަކު ގާތްގަނޑަކަށް %7އަށް އިތުރުވަމުން އަންނަ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މި މަޝްރޫޢާއެކު މިކަމަށް ބޮޑު ހައްލެއް ލިބި، ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ސަބަބުން މާލޭގެ ކަރަންޓުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ ކަރަންޓު ގްރިޑާ ގުޅާލެވޭނެއެވެ. އަދި ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް މައްސަލައެއް ދިމާވެއްޖެނަމަ މާލޭގެ ގްރިޑާ ގުޅާލެވޭނެއެވެ. މިއީ 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.