ކޯވިޑް 19 އަށް އަޅާފައިވާ ފިޔަވަޅުތަކާއިއެކު އަދަދުތައް މަދުވަމުން ދިޔަނަމަވެސް ފަރުވާ ކުޑަ ކުރެވިއްޖެނަމަ އަދަދުތައް އަނެއްކާވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
"ކޯވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި މީޑީއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ކެމްޕޭންގައި ހަރަކާތްތެރިވާ މީޑިއާތަކުގެ މަންދޫބުންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ވަނީ، "ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭންގެ ދަށުން މީޑިއާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ.) އަދި ޞިއްޙީ މާހިރުންގެ އެންގުންތަކާއި އިރުޝާދުތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނަށް ފޯރުކޮށްދީ، މި ބައްޔާއި މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް މީޑިއާތަކުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން، ކޯވިޑް-19 ފެތުރުން ކުރިއަށްވުރެ މަދުވެފައިވާކަން ފާހަގަކުރައްވައި، މި ކަމުގައި މީޑިއާތަކުން އަދާކުރަމުންދާ ދައުރަށް އެ މަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އަދި، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ، އެ އަދަދުތައް އަލުން ގިނަވެދާނެކަން ހަނދާންކޮށް، އެ ކަން އެ ގޮތަށް ވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މީޑިއާ ކެމްޕޭންގެ ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރަސަން ވަނީ މި ކެމްޕޭނާއި މެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، މި ކެމްޕޭނަށް ސަރުކާރުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ