ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ރައީސްއަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކުގެ ދަރިކަލުން މުދުރިކަތު މޫސާ އަދި ނައިބު ރައީސްއަކަށް ޒުވާން ވިޔަފާރިވެރިޔާ އާޝިއާ އަޒީމާ ހޮވައިފި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް އަލަށް އިންތިހާބުކުރެއްވި ބޭފުޅުން ތަޢާރަފުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އައު ރައީސާއި ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމިއްޔާގެ އައު ރައީސް މުދުރިކަތު ވިދާޅުވީ ވަރަށް އަވަހަށް ޖަމިއްޔާގެ ހިންގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި، ވިޔަފާރިވެރިންނާއި ބައްދަލުކޮށް، ވިޔަފާރިވެރިންގެ މަޝްވަރާގެ މަތިން އެކްޝަން ޕްލޭނެއް އެކުލަވާލައްވާނެ ކަމަށެވެ.
މީގެ އިތުރުން ވިޔަފާރިތަކަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުގައި، ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ކަމަށާއި، ވިޔަފާރިތަކަށް 'ކޯވިޑް ރިކަވަރީ ޕްލޭން' އެއް އެކުލަވާލުމަށް ބޭނުންވާ ކަމަށްވެސް މުދުރިކަތު ވިިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރާއި ވީހާވެސް އެއްކޮށް މަސައްކަތްކޮށް، ބިޒްނަޒްތަކަށް ކޯވިޑް ރިކަވަރީ ޕްލޭނެއް އެކުލަވާލާ، މީގެން ވީހާވެސް އަވަހަށް އަރައިގަންނަން، ރާއްޖޭގެ ވިޔަފާރިތަކުންވެސް ޗެމްބަރަށް މިކަމުގައި އެއްބާރުލުން ބޭނުންވޭ"
– މުދުރިކަތު
އަލަށް އިންތިހާބުވެވަޑައިގެންނެވި ރައީސް މުދުރިކަތު މޫސާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މޫސާ މަނިކު (ރީކޯ މޫސަ)ގެ ދަރިކަލެކެވެ. ރީކޯ މޫސަގެ އާއިލީ ވިޔަފާރިއާއި ލ. އަތޮޅުގައި އޮންނަ ރަހާ ރިސޯޓް ހިންގަވަނީ މުދުރިކަތުގެ ބެއްލެވުމުގެ ދަށުންނެވެ. މީގެ އިތުރުން އަލަށް އިންތިހާބުވެވަޑައިގެންނެވި ނައިބު ރައީސާ އާޝިޔާ އަކީ ޤާނޫނީ ވަކީލެއްގެ އިތުރުން، ޒުވާން އަންހެން ވިޔަފާރިވެރިއެކެވެ.
ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ހިންގާ ކޮމެޓީއަށް މެމްބަރުން އައްޔަން ކުރަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެކުރިން އެ ޖަމިއްޔާގެ ރައީސްއަކަށް ހުންނެވީ އިސްމާއިލް ނޫރައްދީންއެވެ.
ކޮމެންޓު ފޮނުވާ