ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަކީ ސިޔާސީ މީހުން ހިފާހައްޔަރުކުރާ ޤާނޫނަކަށް ވެގެންނުވާނެ: އާޒިމް

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަކީ ސިޔާސީ މީހުން ހިފާހައްޔަރުކުރާ ޤާނޫނަކަށް ވެގެންނުވާނެ: އާޒިމް

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2021 10:38
0

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަކީ ސިޔާސީ މީހުން ހިފާހައްޔަރުކުރާ ޤާނޫނަކަށް ވެގެންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިބިލް މިހާރު އޮތްގޮތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށެވެ. އެގޮތުން ކޯޓު އަމުރަކާއި ނުލައި މީހުން ހައްޔަރު ކުރުމާއި، މިނޫންވެސް ބައެއް ކަންކަމަކީ ކަންބޮޑުވާ ކަންތައްތަކެއްކަމަށް އާޒިމް ވިދާޅުވިއެވެ. މިކަން މިހެން ވެފައިވަނީ މީގެ ކުރިން ސިޔާސީ އެކި ފަރާތްތައް މި ޤާނޫނުގެ ދަށުން ހިފާ ހައްޔަރުކޮށް ހިންގާފައިވާ އަމަލުތަކުގެ ސަބަބުންކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިއަދު ޓެރަރިޒަމްގެ ޤާނޫނުގެ ވާހަކަ ދައްކާއިރު ރާއްޖޭގައި މިކަމުގެ ނުރައްކާ އޮތްކަން ގަބޫލު ކުރަންޖެހޭކަމަށެވެ. އަދި ޚާއްސަކޮށް، ރާއްޖޭގައި އެތައް ބައިވަރު ބިދޭސީން އުޅެމުންދާއިރު، އެމީހުންގެ ފަރާތުން ފެންނަމުންދާ އަމަލުތަކާއި، އެމީހުން އުޅެމުންދާ ގޮތަށް ބަލާއިރު މިއީވެސް ވިސްނާލަންޖެހޭ ކަމެއްކަމަށެވެ. ތިލަފުށީގައި މިހާރުވެސް އެތައް ބިދޭސީން ދިރިއުޅެމުންދާއިރު އެމީހުންނަށް އެއްވެސް ހުރަހެއްނެތި ބޭނުން ކަމެއް ކުރުމުގެ ފުރުސަތު އޮތްކަމަށް އާޒިމް ވިދާޅުވިއެވެ.

މިގޮަތަށް މިފުރުސަތު ބިދޭސީންނަށް މިފަސްގަނޑުގައި އޮތުމުން، ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށްވެސް ބިދޭސީން ނިކުތުމަކީ ދުރުކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ މިބިލް ކޮމިޓީ މަރުހަލާގައި މިކަންކަމަށް ވަރަށް ބޮޑަށް ރިޢާޔަތް ކުރުމަށް ދަންނަވާފައެވެ.

ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމާ ގުޅޭގޮތުން ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލުތަކަކީ، ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުމާއެކު، އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުމާއި، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ޙާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް ބަޔާންކޮށްދިނުމެވެ.

ހަނގުރާމައަށް ދިޔުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާމެދު ޢަމަލުކުރާ އިޖުރާއަތުތަކަށް ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލަކީ، އެފަދަ ފަރާތްތަކުގެ ތެރެއިން، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ތަޙްޤީޤު ވަގުތުން ވަގުތަށްވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމާއި، އެނޫން ފަރާތްތަކަކީ އެފަދަ ޢަމަލުތަކުގައި ސީދާ ބައިވެރިވި ފަރާތްތަކެއް ކަމަށް ނުވިނަމަވެސް، އެއީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ބައެއް ކަމުގައި ބަލައި، އެފަދަ ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައިވެސް އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް އެ ޤާނޫނު އިޞްލާޙު ކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޢަމުރެއް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަޙްޤީޤު މަރުޙަލާގައި ބަންދުގައިވާ ފަރާތްތަކަށާއި، ޓެރަރިޒަމްގެ ކުށް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެފަރާތްތަކުގެ ޢާއިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ޤާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން، މުޖުތަމަޢުއަށް އަނބުރާ ރުޖޫޢަވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި އެ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކެއްކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.