ރާއްޖޭގެ އިންޝުއަރެންސް ސިނާއަތަށް ބޮޑު ކުރިއެރުމެއް: އަލިފާނުގެ ހާދިސާތަކަށް ބަދަލުދިން މިންވަރު 52% މައްޗަށް!

ރާއްޖޭގެ އިންޝުއަރެންސް ސިނާއަތަށް ބޮޑު ކުރިއެރުމެއް: އަލިފާނުގެ ހާދިސާތަކަށް ބަދަލުދިން މިންވަރު 52% މައްޗަށް!

Author
އަހުމަދު
30 މެއި 2026 09:43
0

ފާއިތުވި އަހަރު ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުން، އިންޝުއަރެންސް ކުންފުނިތަކުން ބަދަލުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 52 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ބަދަލު ހޯދަން ހުށަހެޅި އަދަދު ވަނީ 340.2 މިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަޔަރ އިންޝުއަރެންސާއި ހެލްތު އިންޝުއަރެންސެވެ. މުޅި އިންޝުއަރެންސް ސިނާއަތަށް ބަލާއިރު، ދޫކުރި ޕޮލިސީތަކުގެ އަދަދު 19 އިންސައްތަ އިތުރުވެ، ޖުމްލަ ޕްރީމިއަމް ވަނީ 15 އިންސައްތައިގެ ކުރިއެރުމަކާއެކު 2.2 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. މިއާއެކު އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ އިންޝުއަރެންސްގެ މިންވަރު ވެސް ވަނީ 209.94 ޑޮލަރުން 237.91 ޑޮލަރަށް އިތުރުވެފައެވެ. މިއީ ރާއްޖޭގެ އިގްތިސާދުގައި އިންޝުއަރެންސްގެ ދައުރު ފުޅާވަމުން އަންނަކަމުގެ ސާފު ހެއްކެކެވެ.

މި ސިނާއަތުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ފަޔަރ އިންޝުއަރެންސާއި އެވިއޭޝަން އިންޝުއަރެންސުންނެވެ. އިންޝުއަރެންސް ކުންފުނިތަކުގެ އިންވެސްޓްމަންޓްތަކަށް ބަލާއިރު، އެންމެ ގިނަ ފައިސާ އިންވެސްޓްކޮށްފައިވަނީ ބޭންކުތަކުގެ ފިކްސްޑް ޑިޕޮސިޓްތަކާއި (34 އިންސައްތަ) ސަރުކާރުގެ ޓްރެޝަރީ ބިލްތަކުގައެވެ (29 އިންސައްތަ). ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ވަސީލަތްތައް މަދުވުމުގެ ސަބަބުން ތަކާފުލް ފަންޑުތައްވެސް ގިނައިން ބަހައްޓާފައިވަނީ ފިކްސްޑް ޑިޕޮސިޓްގައެވެ. ނަމަވެސް، ކުންފުނިތަކުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާއެކު މި ސިނާއަތުގެ ފައިދާ ނުވަތަ 'އާރުއޯއީ' ވަނީ 20.1 އިންސައްތައިގެ މަތީ ދަރަޖައެއްގައި ހިފެހެއްޓިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.