ރައީސްގެ އަނބިކަނބަލުން ފަޒްނާ އާއި ގުޅޭގޮތުން ޚަބަރެއް ޖެހި ނޫހަކަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

ރައީސްގެ އަނބިކަނބަލުން ފަޒްނާ އާއި ގުޅޭގޮތުން ޚަބަރެއް ޖެހި ނޫހަކަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

Author
ޢަލީ އާދަމް
23 އޮކްޓޯބަރ 2020 10:52
0

އިނގިރޭސިބަހުން ނެރޭ ރާއްޖޭގެ ނޫހެއް ކަމަށްވާ މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމް.އެން.އެން) އާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މޯލްޑިވްސް ނިއުސް ނެޓްވޯކް ކިޔާ އޮންލައިން ނޫހެއްގައި، މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތް ކޮޅުގައި ހަދަމުން އަންނަ ޕާކަށް ގަސް ވިއްކަނީ ސްރީލަންކާގައި އޮންނަ ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށް ބުނެ ސާބިތު ނުހިފޭ ހަމަނުޖެހޭ ދޮގު ވާހަކަތަކެއް ފަތުރާފައި ވާކަމަށެވެ. މީގެ އިތުރުން ފަޒްނާގެ ކޮންމެވެސް ފައިސާއެއް، މޮރިޝަސްއަށް ބަދަލުކުރި ވާހަކައެއް އެނޫހުން ރިޕޯޓް ކޮށްފައިވާ ކަމަށާއި އެއީވެސް ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރައީސްގެ އަނބިކަނބަލުންގެ ފަރާތުން ނެރުއްވި ބަޔާނުގައި ބުނީ އެކަމަނާގެ އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުނީގެ ނަމާއި، އެ ކުންފުނީގައި އެކަމަނާ ހިމެނިވަޑައިގަންނަވާ ގޮތެއް އެންގުމަކީ އެ ފަދަ އެއްޗެއް ލިޔާ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. މިހާރު މިނިސްޓްރީ އޮފް ޓްރޭޑްގެ އޮންލައިން ޕޯޓަލް އިން، ރަޖިސްޓަރީކޮށްފައިވާ ހުރިހާ ކުންފުންޏެއްގެ ނަމާއި ހިއްސާދާރުންގެ މައުލޫމާތު ފެންނަން އެބަ ހުރި ކަމަށާއި އަދި ސްރީލަންކާގައި ވެސް އެ ފަދައިން ހޯދެން އެބަހުރި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މޮރިޝަސްއަށް ފައިސާތަކެއް ބަދަލުކުރި ކަމަށް ބުނާ މައްސަލާގައި، އެ ގައުމުގައި ފަޒްނާ ހިންގަވަނީ ކޮން ވިޔަފާރިއެއް ކަމެއް އަދި ފައިސާ ހުރިނަމަ އެހުރީ ކޮން ބޭންކެއްގައި ކަމެއް ހާމަކޮށްފައި ނެތްއިރު މޮރިޝަސްގެ މަސްއޫލުވެރިއެއްގެ ބަހެއް ވެސް ގެނެސްދީފައި ނެތް ކަންވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.ވީމާ، މިކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްތައް އެ ޓީމުގެ ފަރާތުން ކުރިއަށް ގެންދާނެކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މި ބަޔާނުގައި އެނޫސް ނިސްބަތްވާ ކުންފުނި މޯލްޑިވްސް ނިއުސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑްގެ މަސްޢޫލުވެރި ފަރާތްތަކުގެ ނަންތައްވެސް ވަނީ އާންމު ކޮށްފައެވެ. އިކޮނޮމިކް މިނިސްޓރީގެ ބިޒްނަސް ޕޯޓަލުން ފެންނަގޮތުން އެ ކުންފުނީގެ ހިއްސާދާރުންނަކީ ޙަމްދާން ޝަކީލާއި ސަނާއު ރަޝީދެވެ. މެނޭޖިންގ ޑިރެކްޓަރަކީ ސަނާއު ރަޝީދެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.