ކައުންސިލްތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ރައީސް ފައްޓަވައިފި

ކައުންސިލްތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ރައީސް ފައްޓަވައިފި

Author
ޢަލީ އާދަމް
27 ޖޫން 2021 07:47
0

ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު ކައުންސިލުތަކަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ސިލްސިލާ ބައްދަލުވުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވައިފި އެވެ.

ސިލްސިލާކޮށް ބޭއްވުމަށް ފެއްޓެވި ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މިއަދު ހެނދުނު ބާއްވާފައި ވަނީ  މުލަކަތޮޅު ދިއްގަރު ކައުންސިލްއާ އެކުގައެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދިއްގަރު ދާއިރާގައި ސަރުކާރުން ކުރިޔަށްގެންދާ އެކިއެކި މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން މަސްވެރިންގެ ފަސޭހައަށްޓަކައި މުލަކުގައި ޤާއިމުކުރަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ.

އަދި މިހާރު ހުރިވަރަށްވުރެ އޮއިވާލި ކަނދުފަތިތައް އިތުރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ރާވަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ކައުންސިލަރުން ފާހަގަ ކުރެއްވި މިނިމަން ވޭޖް ކަނޑައެޅުންފަދަ ކަންކަމާގުޅޭގޮތުންވެސް އެންމެފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިއްގަރު ކައުންސިލުން ވަނީ އެރަށުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތާމެދު ހިތްހަމަޖެހޭކަން ފާހަގަ ކޮށްފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.