ފްލައިން ސްކޫލާ ދެކޮޅަށް ޕެޓިޝަންގައި ސޮއިކުރި 4 ދަރިވަރަކު ވަކިކޮށްފި

ފްލައިން ސްކޫލާ ދެކޮޅަށް ޕެޓިޝަންގައި ސޮއިކުރި 4 ދަރިވަރަކު ވަކިކޮށްފި

Author
މުޙައްމަދު ޖިމީ
23 އޮކްޓޯބަރ 2020 09:05
0

އައްޑޫސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ހުރި މައްސަލަތައް ފާހަގަކޮށް ޕެޓިޝަންގައި ސޮއިކުރި 4 ދަރިވަރަކު ވަކިކޮށްފިއެވެ.

އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލް، އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ) ގައި ކިޔަވަމުން އަންނަ 86 ދަރިވަރަކު ސޮއިކޮށް ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށައަޅާފައެވެ. ބޮޑު އަގު ނަގައިގެން ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ދަރިވަރުން ސޮއިކޮށް ހުށައެޅި ޕެޓިޝަންގައިވަނީ އެތަނުގައި ކުދިންގެ މެދުގައި ތަފާތުކުރުމާއި، ބިދޭސީންނަށް އިސްކަންދެމުން އަންނަކަން ފާހަގަކޮށްފައެވެ. އަދި އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ޚަރަދެއް ދަރިވަރުންގެ އަތުން ހިނގަމުން އަންނަކަންވެސް މި ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޯސް ފުރިހަމަނުވެ މުއްދަތު ދިގުލަިއގެން ދިއުމުގެ ނުތަނަވަސްކަންވެސް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

އެދަރިވަރުންގެ ޕެޓިޝަނާއި ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރީން ވަނީ ފްލައިން ސްކޫލާމެދު ފިޔަވަޅު އަޅަފައެވެ. އެގޮތުން މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތަމްރީން ފުރިހަމަނުވަނީސް އެތަނަށް އިތުރު ދަރިވަރުން ނުނެގުމަށް ވަނީ އަންގާފައެވެ.

ޚަބަރު އޮންލައިނާއި ވާހަކަ ދެއްކި ދަރިވަރަކު ވަނީ ޕެޓިޝަންގައި ސޮއިކުރި ދަރިވަރުން އެތަނުން ވަކިކުރަން ފަށާފައިވާކަަމށް ބުނެފައެވެ. އެގޮތުން މިއަދު ހަވީރު 4 ދަރިވަރަކު ވަކިކުރިކަން އަންގާ ސިޓީ ފޮނުވާފައިވާކަމަށް އެދަރިވަރު ވަނީ ބުނެފައެވެ. އޭނާ ވަނީ އެމައްސަލ މިނިސްޓްރީއަށް އެންގުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ބުނެފައެވެ. އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންނާމެދު އެތަނުން އަމަލުކުރަމުން އަންނަ ގޮތް ގޯސްކަމަށް ބުނެ ވަރަށް ގިނަ ދަރިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ދަރިވަރުންގެ އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު ގިނަ ދުވަސްތަކެއް ފާއިތުވާއިރުވެސް އުދުހުމުގެ ތަމްރީންތަކަށް ފުރުޞަތު ނުދިނުމާއި ބޮޑު ޚަރަދެއް ހިނގާކަމުގެ ޝަކުވާ ދަރިވަރުން އަދި އެކުދިންގެ ބެލެނިވެރިންވެސް އަންނަނީ ކުރަމުންނެވެ.

އައްޑޫ ފްލައިން ސްކޫލްގައި ކިޔާ ދަރިވަރުންގެ ލޯން ހަޔަރ އެޑިއުކޭޝަން މިނިސްޓރީން ވަނީ ކޯވިޑާއި ގުޅިގެން 6 މަސްދުވަހަށް ފަސްކޮށްދީފައެވެ. އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅުއަޅަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ނިންމާ އިއްޔެ އެކަން އަންގާފައިވެއެވެ. އެމިނިސްޓްރީން އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅުއަޅަން ނިންމެވީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހާއި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ، މިމުއްދަތުގައިވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ، ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއިއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް ކަމަށް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްގެ ނަމުގައި ހިންގާ ފްލައިން ސްކޫލަކީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވި، އޮޕަރޭޝަންސް ސިވިލް އެވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ރެގިއުލޭޓް ކުރަމުންދާ ތަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.