ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ރޮނާލްޑޯ ޖަހައިދިން ދެ ލަނޑުން ފްރާންސާއި އެއްވަރުކޮށް މުބާރާތުގެ ދެވަނަ ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ.
ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލުކުރި މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރޮނާލްޑޯ ޖެހި 2 ލަނޑާއެކު އެނާ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެ ރެކޯޑް ހަދާފައިވާ އިރާންގެ ކުރީގެ ކުޅުންތެރިޔާ ޢަލީ ދާއީގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. އެއީ 109 ލަނޑު ޖަހައިގެންނެވެ.
ގްރޫޕް އޮފް ޑެތް ނުވަތަ އެންމެ ފޯރިގަދަ ވާނެކަމަށް ބެލެވުނު ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ދުނިޔޭގެ ޗެމްޕިއަން ފްރާންސްއެވެ. ފްރާންސް ވަނީ 3 މެޗުން 5 ޕޮއިންޓް ހޯދާފައެވެ. ދެވަނަ ޓީމުގެ ގޮތުގައި 3 މެޗުން ހޯދި 4 ޕޮއިންޓާއެކު ދެވަނަ ބުރުން ޖާގަ ހޯދީ ޖާމަނީއެވެ. ތިން ވަނައިގައި ނިންމި ޕޯޗުގަލް އަށް ވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޕޯޗުގަލް އަނެއް ބުރަށް ދިޔައީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ ޓީމުތަކުގެ ތެރެއިންނެވެ. ގްރޫޕްގެ ފުލުގައި 2 ޕޮއިންޓާއެކު އޮތީ ހަންގޭރީއެވެ.
ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެއެވެ. މެޗުގައި ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފުރަތަމަ ފޮނުވާލީ ޕޯޗިގަލް އިންނެވެ. ކެޕްޓަން ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ކީޕަރ އަތަށެވެ. އަދި އޭގެ ފަހުން މެޗުގެ 16 ވަނަ މިނެޓުގައި ފްރާންސްގެ ކިލިއަން އެމްބާޕޭއަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބިފައެވެ. އެމްބާޕޭ ފޮނުވާލި ހަމަލާވެސް ކީޕަރ ވަނީ ދިފާޢުކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕޯޗުގަލް އިންނެވެ. މި ލަނޑަކީ ފްރާންސްގެ ކީޕަރ ލޮރިސް ޕެނަލްޓީ އޭރިޔާ ތެރެއިން ޕޯޗުގަލްގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑެކެއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ފްރާންސްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓީމުގެ އެމްބާޕޭއަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބެންޒެމާއެވެ.
ދެ ވަނަ ހާފު ފެށިގެން ދެ މިނިޓް ތެރޭ ފްރާންސް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ އަނބުރާލައިފައެވެ. ޕޮގްބާ ދިން ބޯޅައަކުން މި ލަނޑުވެސް ޖެހީ ބެންޒެމާއެވެ. ނަމަވެސް މެޗުގެ 59 ވަނަ މިނެޓުގައި އަނެއްކާވެސް ޕޯޗުގަލްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ ފްރާންސްގެ ކޫންޑޭ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ރޮނާލްޑޯ ވަނީ މި ޕެނަލްޓީ ޕޯޗުގަލްއަށް ކާމިޔާބުކޮށްދީ، އަދި އަލީ ދާއީ ހަދާފައިވާ ރެކޯޑާއި އަރާ ހަމަކޮށްފައެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލް ވާދަކުރާނީ ބެލްޖިއަމް އާއެވެ.