ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްކޮޓްލެންޑުގެ މައްޗަށް ކުރިހޯދާ ކްރޮއޭޝިއާ އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ސްކޮޓްލެންޑްގެ ހެމްޕްޑަން ޕާކުގައި ކުޅުނު މި މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
ޔޫރޯގެ ދެވަނަ ބުރުން ކްރޮއޭޝިއާ ޖާގަ ހޯދީ ގްރޫޕް ޑީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ މިރޭ 0-1 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ބަލިކުރި އިންގްލެންޑެއެވެ. ދެ ވަނަ އަަށް ދިޔަ ކްރޮއޭޝިއާ އާއި ތިން ވަނަ އަށް ދިޔަ ޗެކް ރިޕަބްލިކަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ. ކްރޮއޭޝިއާ އަށް 2 ވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ 3 ވަނަ ޓީމުތަކުގެ ތެރެއިން ޗެކް ރިޕަބްލިކްވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކްރިއޭޝިއާއިންނެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ނިކޯލާ ވްލަސިޗްއެެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްކޮޓްލެންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު މެޗުގެ 42 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކަލުމް މެކްގްރެގާއެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅެމުން ދިޔައީ ކްރޮއޭޝިއާއިންނެެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ވަނީ ހިތްގައިމު ލަނޑެއް ޖަހައި އަލުން ލީޑު ނަގައިދީފައެވެ. މި މެޗުގައި މޮޑްރިޗްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި ލަނޑަށް ފަހު ކްރޮއޭޝިއާގެ 3 ވަނަ ލަނޑު ކާމިޔާބުކުރުމުގައިވެސް މޮޑްރިޗް ވަނީ އެހީތެރިވެދީފައެވެ. އެޓީމުގެ 3 ވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްއެވެ.