ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ޗެކް ރިޕަބްލިކް ބަލިކޮށް އިންގްލެންޑުން ގްރޫޕް ޑީ ގެ އެއްވަނަ ހޯދައިފިއެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
އިންގްލެންޑް ގްރޫޕްގެ އެއް ވަނަ ހޯދީ ތިން މެޗުން 7 ޕޮއިންޓާ އެކުއެވެ. ދެ ވަނަ އަަށް ދިޔަ ކްރޮއޭޝިއާ އާއި 3 ވަނަ އަށް ދިޔަ ޗެކް ރިޕަބްލިކަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ. ކްރޮއޭޝިއާ އަށް 2 ވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ 3 ވަނަ ޓީމުތަކުގެ ތެރެއިން ޗެކް ރިޕަބްލިކަށް ވެސް ވަނީ ދެވަނަ ބުރުން ފުރުސަތު ލިބިފައެވެ.
މި މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް އިންގްލެންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 3 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ޖުމްލަކޮށް ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކުރީވެސް އިންގްލެންޑުންނެވެ.
މެޗުގައި އިންގްލެންޑުން ލީޑު ނެގީ 12 ވަނަ މިނެޓުގައި ސްޓާލިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ސްޓާލިން ޖެހީ ގްރީލިޝް ގޯލް ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށްފަހު ޗެކް ރިޕަބްލިކުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އިންގްލެންޑުގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. ސްޓާލިންގެ ލަނޑަށް ފަހު އިންގްލެންޑްގެ ހެރީ ކޭންއަށް ވަނީ ނަތީޖާގެ ފަރަގު ބޮޑުކުރަން ރަނުގެ ފުރުޞަތެއް ލިބިފައެވެ. އެގޮތުން ކޭން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ކުރިޔަށް ފޮނުވާލި ބޯޅަ ކީޕަރ އަތުގައި ޖެހިފައި އެނބުރި ކުޅުމުގެ ތެރެއަށް އައުމުން ޗެކްގެ ކުޅުންތެރިން ވަނީ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ.
ޗެކް ރިޕަބްލިކަށް އިންގްލެންޑްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވުނީ މެޗުގެ 28 ވަނަ މިނެޓުގައެވެ. އެގޮތުން އެޓީމުގެ ތޯމަސް ހޯލްސް ގޯލާއި އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ އިންގްލެންޑްގެ ކީޕަރ ޕިކްފޯޑް ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ.
މެޗުގެ ދެވަނަ ހާފުވެސް އިންގްލެންޑުން ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔަ ނަމަވެސް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.