މިހާރު ކުރިޔަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަޝިއާ ފަސޭހަކަމާއެކު ބަލިކޮށް ޑެންމާކުން މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މެޗު ޑެންމާކުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް ޑެންމާކުން ނުކުތީ މުބާރާތުގެ ފުރަތަމަ މެޗުގައި ހިތްހުއްޓިގެން ވެއްޓުނު ކްރިސްޓިއަން އެރިކްސަންއަށްޓަަކައި މޮޅެއް ހޯދާށެވެ. ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު 2 މެޗުން ޑެންމާކް ބަލިވެފައި އޮތުމުން މުބާރާތުގެ 2 ވަނަ ބުރުން ޖާގައެއް ހޯދުމަށް ޑެންމާކަށް އޭރު އޮތީ ވަރަށް ހަނި ފުރުޞަތެކެއެވެ.
ނަމަވެސް ހިތްވާރައެކު ކުޅެ ރަޝިއާ ކޮޅަށް 4 ލަނޑު ޖަހައި ޑެންމާކުން ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި 2 ބުރަށް ދަތުރު ކޮށްފައެވެ. ޑެންމާކް 2 ވަނަ ބުރަށް ދަތުރުކުރުމުގައި ބެލްޖިއަމުން މިރޭ ފިންލޭންޑް ކޮޅަށް ޖެހި 2 ލަނޑުގެ ހިއްސާވެސް ބޮޑެއެވެ. އެއީ ލަނޑުގެ ތަފާތުން ޑެންމާކަށް ކުރި ލިބުމުންނެވެ. ޑެންމާކަކީ ޔޫރޯގެ ތާރީހުގައި ފުރަތަމަ ދެ މެޗުން ބަލިވުމަށް ފަހު އަނެއް ބުރުން ފުރުސަތު ހޯދި ފުރަތަމަ ޓީމުވެސް މެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ޑެންމާކާއި ރަޝިއާ ބައްދަލުކުރި މެޗުގައި ޑެންމާކުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މި މެޗުގައި ލަނޑެއް ޖަހަން ޑެންމާކުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 38 ވަނަ މިިނިޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޑަމްސްގާޑްއެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ޑެންމާކް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން 14 ވަނަ މިނެޓުގައި ޑެންމާކުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ޔޫސުފް ޕޯލްސަންއެވެ. ނަމަވެސް މެޗުގެ 70 ވަަނަ މިނެޓްގައި ރަޝިއާގެ އާޓެމް ޒޫބާ ކާމިޔާބުކުރި ޕެނަލްޓީއާ އާއެކު ނަތީޖާގެ ފަރަގު ކުޑަވެގެން ދިޔައެވެ.
ނަމަވެސް ފަހުން ޑެންމާކުން ވަނީ 3 މިނެޓުގެ ތެރޭގައި 2 ލަނޑު ޖަހައި ސަޕޯޓަރުން އުފަލުން ރޮއްވާލާފައެވެ. 79 ވަނަ މިނެޓުގައި ޑެންމާކްގެ 3 ވަނަ ލަނޑު އަންދްރެއަސް ކްރިސްޓެންސަން ކާމިޔާބުކޮށްދިއިރު، 4 ވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޭލާއެވެ.
މެޗުން މޮޅުވެ ޑެންމާކުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދިއިރު މިބުރުގައި މިމަހުގެ 26 ވަނަ ދުވަހު އެ ގައުމުން ނުކުންނާނީ ގްރޫޕް އޭގެ ދެވަނަ މަގާމު ހޯދި ވޭލްސް އާއި ދެކޮޅަށެވެ.