މިހާރު ކުރިޔަށްދާ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނޯތު މެސެޑޯނިއާ ފަސޭހަކަމާއެކު ބަލިކޮށް ގްރޫޕް ސީ ގެ އެއްވަނަ ނެދަލެންޑްސް ހޯދައިފިއެވެ.
ގްރޫޕް ސްޓޭޖުގައި ފަހު މިރޭ ނޯތު މެސެޑޯނިއާގެ މައްޗަށް ނެދަލެންޑްސް ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނަ ނެދަލެންޑްސްއަށް ލިބުނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުންވެސް މޮޅުވެގެން ލިބުނު 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮސްޓްރިއާ އޮތީ 3 މެޗުން ލިބުނު 6 ޕޮއިންޓާއެކުއެވެ. އަދި މިރޭ އޮސްޓްރިއާ އަތުން ބަލިވެގެން ގްރޫޕްގެ 3 ވަނައަށް ވެއްޓި މުބާރާތުން ކެޓި ޔޫކްރެއިންއަށް ލިބެނީ 3 ޕޮއިންޓްއެވެ. ފުލުގައި އޮތް ނޯތު މެސެޑޯނިއާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މިިރޭގެ މެޗަށް ނުކުތްއިރު، ނެދަލެންޑްސް އޮތީ މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި ނެދަލެންޑްސް އާއި ވާދަކުރި ނޯތު މެސެޑޯނިއާ އޮތީ މުބާރާތުން ކަޓާފައެވެ.
މި މެޗު ފަށައިގެން ނެދަލެންޑްސް އިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ. ނެދަލެންޑްސްއިން ލަނޑު ޖަހާ ލީޑު ނެގުމުގެ ކުރިން ނޯތު މެސެޑޯނިއާއިން ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 އިން ނެދަލެންޑްސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ނެދަަލެންޑްސްއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކެޕްޓަން ވައިނަލްޑަމް މި ލަނޑު ކާމިޔާބުކުރީ ޑިޕާއި ކުރި މަސައްކަތުން އޭނާ އޭރިއާ ތެރެއަށް ދިން ބޯޅައެއް ފޮނުވާލައިގެންނެވެ. އަދި އޭގެ 8 މިނެޓު ފަހުން ވައިނަލްޑަމް ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ.
މިއީ މެސެޑޯނިއާގެ ފުޓުބޯޅަ ލެޖެންޑް ގޯރަން ޕަންޑޭވް ބައިނަލްއަޤްވާމީ ފުޓުބޯޅައިގެ ފަހު މެޗުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާ މެޗުގެ 68 ވަނަ މިނެޓުގައި ބަދަލުކުރި އިރު އޭނާއަށް ހާއްސަ ވަގުތުކޮޅެއް ހުރިހާ ކުޅުންތެރިން ވަނީ ހުސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ