ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ވޭލްސް ބަލިކޮށް ގްރޫޕް އޭ ގެ އެއްވަނަ އިޓަލީން ކަށަވަރުކޮށްފިއެވެ.
އިޓަލީގެ ރޯމްގައި ކުޅުނު މި މެޗުގައި އިޓަލީ އަތުން 0-1 އިން ވޭލްސް ބަލިވި ނަަމަވެސް، ގްރޫޕްގެ ދެވަނަ ހޯދައިގެން ވޭލްސްވެސް ވަނީ ޔޫރޯގެ ދެވަނަ ބުުރުން ޖާގައެއް ކަށަވަރުކޮށްފައެވެ.
ގްރޫޕް އޭގައި އިޓަލީ ކުޅުނު 3 މެޗު ކާމިޔާބުކޮށް 9 ޕޮއިންޓް ވަނީ ހޯދާފައެވެ. އަދި މި ތިން މެޗުގައި އިޓަލީ ކޮޅަށް އެންމެ ލަނޑެއްވެސް ވަދެފައެއް ނުވެއެވެ. ވޭލްސް ގްރޫޕްގެ ދެވަނަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުން 4 ޕޮއިންޓް ހޯދައިގެންނެވެ. އަދި 3 ވަނައިގައި އޮތް ސްވިޒަލެންޑަށްވެސް 4 ޕޮއިންޓް ލިބޭއިރު، ވޭލްސްއަށް ކުރި ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި އޮތީ ތުރުކީއެވެ.
މިރޭގެ މެޗަށް އިޓާލީ ނުކުތްއިރު، ދެވަނަ ބުރުން ޖާގައެއް ޔަގީންވެފައި އޮތުމުގެ ސަބަބުން ފުރަތަމަ 11 އަށް ވަނީ ގިނަ ބަދަލުތަކެއް ގެެނެސްފައެވެ. އެގޮތުން އާންމުކޮށް ނެރޭ ފުރަތަމަ 11 ގައި ހިމެނޭ 8 ކުޅުންތެރިއަކު ވަނީ ބަދަލުކޮށްފައެވެ.
މި މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ އިޓަލީ ޓީމުންނެވެ. މެޗުގައި އިޓަލީން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، މަޓެއޯ ޕެސީނާއެވެ.
މެޗުގެ ދެވަނަ ހާފްގައި ލިބުނު ހިލޭ ޖެހުމަކުން އިޓަލީގެ ބާނަޑޭޝްކީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ 55 ވަަނަ މިނިޓްގައި ވޭލްސްގެ އަމްޕަޑޫ އަށް ވަނި ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެއީ ބާނަޑޭޝްކީ އަށް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ދެއްކި ރަތް ކާޑެކެވެ.
މި މެޗުގައި ނަތީޖާ ހަމަހަމަކުރުމަށް ބޭލްއަށް ވަނީ ހުސް ފުރުޞަތެއް ލިބިފައެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި ގޯލު ކުރިމަތީ ހުހަށް ހުރެ ބޭލް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.