ފަހަތުން އަރައި ޑެންމާކް ބަލިކޮށް ބެލްޖިއަމް ދެވަނަ ބުރަށް ދަތުރުކޮށްފި

ފަހަތުން އަރައި ޑެންމާކް ބަލިކޮށް ބެލްޖިއަމް ދެވަނަ ބުރަށް ދަތުރުކޮށްފި

Author
ޔޫސުފް
17 ޖޫން 2021 11:33
0

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފަހަތުން އަރައި ޑެންމާކް ބަލިކޮށް ބެލްޖިއަމް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ޑެންމާކްގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީގައި ބެލްޖިއަމް މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެން ލިބުނު 6 ޕޮއިންޓާއެކު އެ ޓީމު އޮތީ އެއްވަނައިގައެވެ. ދެވަނައިގައި 3 ޕޮއިންޓާއެކު ރަޝިއާ އޮތްއިރު، ތިން ވަނައިގައި ފިންލޭންޑް އޮތީވެސް ތިން ޕޮއިންޓާއެކުއެވެ. ގްރޫޕްގެ ފުލުގައި އޮތް ޑެންމާކަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މިރޭ ބެލްޖިއަމާއި ޑެންމާކް ބައްދަލުކުރި މެޗު އެ ޓީމުގެ ކްރިސްޓިއަން އެރިކްސަން އަށް ހާއްސަކުރި މި މެޗު ފެށުމުގެ ކުރިން އެރިކްސަންގެ ބޮޑު ޖޯޒީއެއް ވަނީ ދަނޑުމަތީގައި ދައްކާލައިފައެވެ. މުބާރާތުގައި ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި އެރިކްސަން ވަނީ ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓިފައެވެ. އެވަގުތުން ފެށިގެން އެރިކްސަންއަށް ފަރުވާ ދެމުން އަންނައިރު، މިފަހަރުގެ ޔޫރޯގައި ދެން އެރިކްސަން ނުފެންނާނެއެވެ.

މި މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ޑެންމާކުން ވަނީ ލަނޑެއް ޖަހާ ބެލްޖިއަމް ސިއްސުވާލާފައެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ޑެންމާކަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ، ޔުސެފް ޕޯލްސަންއެވެ. މިއީ ޔޫރޯގެ ތާރީހުގައި ދެވަނައަށް ޖެހި އެންމެ އަވަސް ގޯލެއެވެ. މި ލަނޑަށް ފަހުވެސް ޑެންމާކުން ވަނީ ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެ ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 އިން ޑެންމާކް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ބެލްޖިއަމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ބެލްޖިއަމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ބެލްޖިއަަމަށް ކާމިޔާބުކޮށްދިނީ، ތޯގަން ހަޒާޑްއެވެ. މި ލަނޑަށް ފަހުވެސް ބެލްޖިއަމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުން ބެލްޖިއަމް މޮޅުކޮށްދިން ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ދެވަނަ ހާފުގައި ކުޅެން ނުކުތް ކެވިން ޑިބްރޭނާއެވެ. މިއީ މިފަހަރުގެ ޔޫރޯގައި ޑިބްރޭނާ ކުޅުނު ފުރަތަމަ މެޗެއެވެ. ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި ޑިބްރޭނާއަށް ނުކުޅެވުނީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އޭނާގެ މޫނު މައްޗަށް ވި އަނިޔާގެ ސަބަބުންނެވެ.

މި ލަނޑަށްފަހު ނަތީޖާ ހަމަހަމަކުރަން ޑެންމާކަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ވަކިން ހާއްސަކޮށް ޑެންމާކްގެ ފޯވާޑް މާޓިން ބްރައިތްވެއިޓް އަށް ލިބުނު ގިނަ ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.