ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނޯތު މެސެޑޯނިއާ ބަލިކޮށް ޔޫކްރެއިނުން މުބާރާތުގައި ކުރިޔަށް ދިއުމުގެ އުއްމީދު އާކޮށްފިއެވެ.
ރުމޭނިއާގެ ނެޝަނަލް އެރީނާގައި މިރޭ ކުޅުނު މެޗުގައި މެސެޑޯނިއާގެ މައްޗަށް ޔޫކްރެއިނުން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު ނޯތު މެސެޑޯނިއާއަށް ވަނީ މުބާރާތުގައި ކުރިޔަށް ދިއުމުގެ މަގު އެއްކޮށް ކަހަލަ ގޮތަކަށް ބަންދުވެފައެވެ. ނަމަވެސް މި މެޗުން މޮޅުވި ޔޫކްރެއިނަށް ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު އަދި އެބައޮތެވެ. ގްރޫޕް ސްޓޭޖުގައި މެސެޑޯނިއާ ކުޅުނު 2 މެޗުން ބަލިވެފައިވާއިރު، ޔޫކްރެއިން ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް މި މެޗު ކާމިޔާބުކޮށް 3 ޕޮއިންޓް ވަނީ ހޯދާފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔޫކްރެއިނުންނެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި މި ލަނޑު ޔޫކްރެއިނަށް ކާމިޔާބުކޮށްދިނީ، ކެޕްޓަން އެންޑީ ޔާމޮލެންކޯއެވެ. މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ޔޫކްރެއިނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ރޯމަން ޔަރެމްޗުކްއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުން ޔޫކްރެއިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފްގައި މެސެޑޯނިއާއިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 57 ވަނަ މިނެޓުގައި މެސެޑޯނިއާއިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޖާނީ އަލިއޯސްކީއެވެ. އަލިއޯސްކީ މި ލަނޑު ޖެހީ ޕެނަލްޓީ އަކުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު ބުސްޗާން މަތަކުރުމުން ރީބައުންސަކުން އެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. މި މެޗުގައި ޔޫކްރެއިނަށް ވަނީ ލީޑު އިތުރަށް ފުޅާކުރަން ޕެނަލްޓީ އެއްވެސް ލިބިފައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ޔޫކްރެއިންގެ ރުސްލާން މަލިނޯވްސްކީ ފޮނުވާލި ޕެނަލްޓީ މެސެޑޯނިއާގެ ކީޕަރ ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.
މި މޮޅާއެކު ޔުކްރޭން އޮތީ ގްރޫޕުގެ ތިންވަނައިގަ ތިން ޕޮއިންޓާއެކު އެވެ. އޮސްޓްރިއާ އާއި ނެދަލޭންޑްސް އަށްވެސް ހަމަ މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ނޯތް މެސެޑޯނިއާ އޮތީ ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.