"ގަދަރް: އެކް ޕްރޭމް ކަތު"ގެ އަންހެން ލީޑު ހުށަހެޅި ގިނަ ތަރިން ސަނީ ޑިއޯލް އަކީ އެމީހުނާއި އެއްފެންވަރުގެ ފަންނާނެއް ކަމަށް ގަބޫލުނުކުރި ކަމަށް ފިލްމުގެ ޑައިރެކްޓަރ އަނިލް ޝަރްމާ ބުނެފިއެވެ.
1990 އިން ފެށިގެން ބޮލީވުޑުން ދެވަނައަށް އެންމެ ގިނަ މީހުން ބެލިޮ ފިލްމުގެ ގޮތުގައި ފާހަގަކުރެވޭ މި ކާމިޔާބު ފިލްމާގުޅޭގޮތުން ޑައިރެކްޓަރ އަނިލް ވަހަކަ ދައްކާފައި މި ވަނީ ކާޖޮލް އެ ފިލްމު ކުޅެން ދެކޮޅުހެދި ކަމަށް ފެތުރޭ ވާހަކަތަކާ ޖަވާބު ދިނުމުގެ ގޮތުންނެވެ.
އެގޮތުން އަނިލް ބުނެފައުވަނީ ބައެއް އަންހެން ހަމައެކަނި ސްކްރިޕްޓް ބަލާލާފައި ނޫނެކޭ ބުނިއިރު އަނެއްބައި ފަންނާނުންނަށް މި ފިލްމުގެ ވާހަކަ ވީ މާ މުސްކުޅި ބޯދާ ވާހަކަ އަކަށް ކަމަށެވެ. އަދި ގިނަ ފަންނާނުން ދެކުނީ ސަނީ ޑިއޯލް އަކީ އެމީހުންގެ ސްޓޭންޑަޑަށް ވުރެ ދަށް ފަންނާނެއް ގޮތުގައި ކަމަށްވެސް އަނިލް ވަނީ ބުނެފައެވެ. އޭގެތެރެއިން ގިނަ މީހުން ސްކްރިޕްޓް ބަލާލަންވެސް ބޭނުން ނުވި ކަމަށް އަނިލް ބުންޏެވެ. ނަމަވެސް އޭނާއަށް ނޫނެކޭ ބުނި އެއްވެސް ފަންނާނެއްގެ ނަން ހާމާ ކުރަން ބޭނުންނުވާ ކަމަށް އަނިލް ވަނީ ބުނެފައެވެ.
އެދުވަސްވަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި މި ފިލްމުގެ ލީޑުން ސަނީ އާއެކު ފެނިގެންދިޔައީ އަމީޝާ ޕަޓޭލް އެވެ.
ޑައިރެކްޓަރ އަނިލް ޝަރްމާ ބުނީ އެ ދުވަހު އޭނާއަށް ނޫނެކޭ ބުނި ގިނަ ފަންނާނުންނަކީ މިހާރުވެސް އޭނާގެ ރައްޓެހިން ކަމަށާއި ގިނަ ފަންނާނުން އެ ފިލްމު ނުކުޅެވުނީ ތީ މިހާރު ހިތާމަކުރާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހަށް ވަނީ މި ފިލްމު ނެރުނުތާ 20 އަހަރު ވެފައެވެ.
ޑައިރެކްޓަރ އަނިލް ޝަރްމާ އަކީ ޑިއޯލް އާއިލާގެ ގިނަ ފިލްމުތަކެއް ގެނެސްދީފައި ވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި "ގަދަރް" ގެ އިތުރުން " ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި" އަދި "އަޕްނޭ" ފަހަގަކޮށްލެވެ އެވެ. އޭނާ މިހާރު އަންނަނީ ޑިއޯލް އާއިލާގެ 3 ޖެނެރޭޝަން ފެންނާނެ ފިލްމު "އަޕްނޭ-2″ގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ