މިހާރު ކުރިޔަށްދާ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފަސޭހަކަމާއެކު ސްވިޒަލޭންޑް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން އިޓަލީ ޖަގާ ހޯދައިފިއެވެ.
އިޓަލީގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާ އަކުންނެވެ. މި މެޗުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރުން އިޓަލީ ޖާގަ ހޯދުމާއެކު އިޓަލީ ވެގެންގޮސްފައިވަނީ މިފަހަރުގެ ޔޫރޯގައި ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ.
މި ނަތީޖާއާއެކު އިޓަލީ ދެވަނަބުރަށް ދަތުރުކުރީ ގްރޫޕުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޖުމްލަ ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ވޭލްސް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ޕޮއިންޓަކާއެކު ސްވިޒަލޭންޑް އޮތްއިރު ފުލުގައި ތުރުކީ އޮތީ ޕޮއިންޓެއް ނުލިބިއެވެ.
ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ 3 މެޗުގެ ތެރެއިން 2 މެޗު އިޓަލީ ކާމިޔާބުކޮށްފައިވާއިރު، ފުރަތަމަ މެޗުގައި ތުރުކީ ބަލިކުރީ ވެސް 0-3 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިޓަލީ ނުކުންނާނީ ވޭލްސް އާއި ދެކޮޅަށެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ އިޓަލީންނެވެ. އެގޮތުން އެޓީމަށް ލިބުނު ކޯނަރަކުން ކެޕްޓަން ކެޕްޓަން ޗިއެލިނީ ވަނީ ލަނޑު ޖަހާ އިޓަލީއަށް ލީޑު ނަގައިދީފައެވެ. ލަނޑު ޖެހުމަށްފަހު އުފާފާޅުކޮށް ހަމަޖެހިލިފަހުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ މި ލަނޑު ބަލައި ނުގަންނަން ނިންމާފައެވެ. ސަބަބަކީ ޗިއެލިނީ މި ލަނޑު ޖެހުމުގެ ކުރިން އޭނާގެ އަތުގައި ބޯޅަ ޖެހުމުންނެވެ. މީގެ އިރުކޮޅެއް ފަހުން އަނިޔާވެގެން ޗިއެލިނީ ވަނީ ބަދަލުކޮށްފައެވެ.
ޗިއެލިނީ ބަދަލުކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އިޓަލީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެނުއަލް ލަކެޓެލީއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން 52 ވަނަ މިނެޓުގައި މެނެއަލް ލަކެޓެލީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ އިޓަލީއަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި އިޓަލީން ޖެހި ތިންވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އިމޮބިލޭއެވެ. އޭނާ މިލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައިންނެވެ. އިމޮބިލޭ ވަނީ މި މެޗުގެ ކުރިން އިޓަލީ އާއި ތުރުކީ ބައްދަލުކުރި މެޗުގައިވެސް ލަނޑު ޖަހާފައެވެ.
ކޮމެންޓު ފޮނުވާ