ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހަރާކޮށްލުމަށް ހަމަލާ ދިން މީހުންނާއި ފަންޑުކުރި މީހުން މިސަރުކާރުން ލަސްނުވެ ހޯދާނެކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިންހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމިޓިން ހިންގާ އިންކުއަރީއާއި ގުޅިގެން ވަކިވަކި ސިފައިން ހާޒިރުކުރުމާއި ގުޅިގެން އުފެދުނި ޚިޔާލުތަފާތުވުމުގެ މައްސަލާގައި ޑިފެންސް މިނިސްޓޤރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބަލަން ފެށުމުން އެ މައްސަލަ އެކޮމިޓީން ބޭރުކޮށްލުމާއެކު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފައެވެ. އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބޭރުކޮށްލީ ރައީސް ޞާލިޙްގެ އެދިވަޑައިގަތުމަށްކަމަށް ބައެއް މެންބަރުން ތުހުމަތުކުރައްވައެވެ. މިއާއެކު ރައީސް ނަޝީދަށް ތާޢީދުކުރައްވާ މެންބަރުންނާއި ރައީސް ޞާލިޙަށް ތާޢީދުކުަރއްވާ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑުވެ، އެއްބަޔަކު އަނެއްބަޔަކަށް އަނަންނީ ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.
މިގޮތުން ރައީސް ޞާލިހަށް ތާޢީދުކުރައްވާ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވީ، ރައީށް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ސަރުކާރުން މި ތަހުޤީގަށް ދޭ އަހައްމިޔަތުން، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ ހިންގި ގޮތާއި، ހިންގި މީހުންނާއި،ފަންޑުކުރި މީހުންވެސް ލަސްނުވެ ހޯދޭނެ އުއްމީދު ބޮޑުކަމަށެވެ. އަދި އެކަމަށް ތަރުތީބު ހެޔޮ އެމްޑީޕީ އާއި 241 ކޮމިޓީން ތަހުޤީގަށް ބަހައްޓާ ސަމާލުކަން ފާހަގަކުރެވޭކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
ސަރުކާރުން މި ތަހުޤީގަށް ދޭ އަހައްމިޔަތުން، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ ހިންގި ގޮތާއި، ހިންގި މީހުންނާއި،ފަންޑުކުރި މީހުންވެސް ލަސްނުވެ ހޯދޭނެ އުއްމީދު ބޮޑު! އިންޝާﷲ
މިކަމަށް ތަރުތީބު ހެޔޮ އެމްޑީޕީ އާއި 241 ކޮމިޓީން މި ތަހުޤީގަށް ބަހައްޓާ ސަމާލުކަން ފާހަގަކޮށްލަން ? pic.twitter.com/yGBSCbCis4
— Ismail Ahmed (@N4Isse11) June 13, 2021
މެންބަރު އިސްމާއީލް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާޢީދުކުރާ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށާއި، މިސަރުކާރުގެ ސިޔާސަތަށް މިހާރު ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން އިންސާފު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ނުކުރާކަމުގެ ތުހުމަތުވެސް އަންނަނީ ސަރުކާރަށް ކުރަމުންނެވެ.
އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފުވެސް ވަނީ، އެމްޑީޕީ ދެބައިވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެޕާޓީގެ މަސައްކަތް ދެބައިވީ އެމްޑީޕީން ވަޢުދުވި ކަންކަން ސަރުކާރުން ބޭނުން ނުވީމަކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ދެބައިވީ އެމްއެމްޕީއާރުސީއާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫހާކަން ފެށީމާއި، ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެެވެ. އަދި ޖުމްލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުނީމަކަމަށްވެސް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ