ރޮމޭލޫ ލުކާކޫގެ ދެ ލަނޑާއެކު ރަޝިއާ ބަލިކޮށް ބެލްޖިއަމުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ޕީޓާސްބާގް ގައި ކުޅުނު މި މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް ބެލްޖިއަމުން ނުކުތީ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކެވިން ޑިބްރޭނާ ނުލައެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އޭނާގެ މޫނު މައްޗަށް ލިބުނު އަނިޔާއިން މުޅިން ރަނގަޅުވެފައި ނުވާތީއެވެ. ނަމަވެސް މާސްކެއް އަޅައިގެން ޔޫރޯގައި ކުރިޔަށް ހުރި މެޗުތަކުގައި ޑިބްރޭނާ ފެންނާނެއެވެ.
މި މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ބެލްޖިއަމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ އިންޓަރ މިލާނަށް ކުޅެމުން އަންނަ ރޮމޭލޫ ލުކާކޫ އެވެ. ބެލްޖިއަމުން ލަނޑު ޖަހާ ލީޑު ނެގުމުން ރަޝިއާ އިން ވަނީ ކުޅުން ރަނގަޅުކޮށް ރަނގަޅު ހަމަލާތަކެއްވެސް އުފައްދާފައެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެލްޖިއަމުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ހާފުގައި ކުޅެންއެރި ތޯމަސް މުނިއޭއެވެ.
މި މެޗުގައި ބެލްޖިއަމުން ޖެހި ތިން ވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރޮމޭލޫ ލުކާކޫ އެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނައިގައި ބެލްޖިއަމް އޮތްއިރު ދެވަނައި އޮތީ ފިންލެންޑް އެވެ. ދެ ޓީމަށްވެސް 3 ޕޮއިންޓް ލިބޭއިރު، ބެލްޖިއަމް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ގްރޫޕްގެ ތިން ވަނައިގައި ޑެންމާކް އޮތްއިރު، ފުލުގައި އޮތީ ރަޝިއާއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ވެސް 3 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 18:00 ގައި އިންގްލެންޑާއި ކްރޮއޭޝިއާ ވާދަކުރާއިރު 21:00 ގައި އޮސްޓްރިއާ އާއި ދެކޮޅަށް ނޯތް މަސަޑޯނިއާ ނުކުންނާނެއެވެ. އަދި ރޭގަނޑު 12:00 ގައި ނެދަލެންޑްސް އާއި ޔޫކްރެއިން ބައްދަލުކުރާ މެޗު އޮންނާނެއެވެ.
ކޮމެންޓު ފޮނުވާ