ޔޫރޯގައި ފިންލޭންޑް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ

ޔޫރޯގައި ފިންލޭންޑް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ

Author
ޔޫސުފް
13 ޖޫން 2021 12:53
0

މިހާރު ކުރިޔަށްދާ ޔުއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ޑެންމާކް ބަލިކޮށް ޔޫރޯގައި ފިންލޭންޑްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޑެންމާކް ކޯޕެންހާގެންގައި ކުޅުނު މި މެޗު ފިންލޭންޑުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ ބައިނަލްއަގުވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއްގައި ފިންލޭންޑް ކުޅުނު ފުރަތަމަ މެޗެއެވެ.

ގްރޫޕް ބީ ގައި ހިމެނޭ ފިންލޭންޑް އާއި ޑެންމާކް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގެ 43 ވަނަ މިނެޓުގައި އެރިކްސަން ދަނޑު މައްޗަށް ވެއްޓި ހޭނެތުމާއި ގުޅިގެން މެޗު މެދުކަނޑާލިއެވެ. އެރިކްސަން ވެއްޓުމާއެކު ޓީމުގެ ފަސްޓް އެއިޑް ޓީމު ދަނޑަށް އަރައި ގިނައިރުތަކެއް ވަންދެން ސީޕީއާރު ދިނުމަށްފަހު، އެމަޖެންސީގައި އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން އެރިކްސަންގެ ހާލު މިހާރު ރަނގަޅެެވެ.

މި މެޗުގެ ބަކީ އޮތްބައި ކުރިޔަށްގެންދިޔައީ ދެ ޓީމުގެ އޮފިޝަލުން މަޝްވަރާކުރުމަށްފަހުއެވެ. އަދި ހޮސްޕިޓަލުގައި އޮވެ އެރިކްސަން ވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް ކުޅުންތެރިންނަށް ގުޅައި މެޗު ކުރިޔަށް ގެންދިޔުމަށް އެދިފައެވެ.

މެޗުގެ ކުޅުން މެދުކަނޑާލިއިރު ފުރަތަމަ ހާފުގައި ބާކީ އޮތީ ދެތިން މިނެޓެއެވެ. އެހެންކަމުން ބާކީ އޮތް ވަގުތު ކުުޅުމަށްފަހު 5 މިނެޓުގެ ބްރޭކެއް ހާފް ޓައިމްގެ ގޮތުގައި ދިނުމަށްފަހު ރެފްރީ ވަނީ ދެވަނަ ހާފްގެ ކުޅުން ފަށާފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ޑެންމާކުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް ލަނޑު ޖަހާ ލީޑު ނެގީ ފިންލޭންޑުންނެވެ. އެގޮތުން ފިންލޭންޑަށް ތާރީހީ މޮޅެއް ހޯދައިދިން ލަނޑު 59 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޔޮއެލް ޕޮޔަންޕާލޯއެވެ. މި ލަނޑު ޖެހުމަށްފަހު ފިންލޭންޑްގެ ކުޅުންތެރިން އުފާފާޅުކޮށްފައެއް ނުވެއެވެ.

މި މެޗުގައި ޑެންމާކަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުޞަތެއް ވަނީ ލިބިފައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ޑެންމާކަށް ލިބުނު ޕެނަލްޓީ ހޮއިބިއާ ފޮނުވާލި ޕެނަލްޓީ ފިންލެންޑްގެ ކީޕަރު ރަޑޭޗީ ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.