ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޑެންމާކާއި ފިންލޭންޑް ކުޅެމުން ދިޔަ މެޗުގެ ތެރެއިން ޑެންމާކްގެ މިޑްފީލްޑަރ ކްރިސްޓެން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމާއި ގުޅިގެން މި މެޗު ސަސްޕެންޑްކޮށްފިއެވެ.
ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމުގައި ކުޅެމެން ދިޔަ މި މެޗު ސަސްޕެންޑްކޮށްފައިވާކަން ޔުއެފާ ވަނީ ކަށަވަރުކޮށްދީފައެވެ. މެޗު ހުއްޓާލިއިރު ނަތީޖާ އަކީ 0-0 އެވެ.
އެރިކްސަން ދަނޑު މައްޗަށް ވެއްޓުނީ ފުރަތަމަ ހާފްގެ 43 ވަނަ މިނެޓުގައެވެ. އެރިކްސަން ވެއްޓުމާއެކު ޓީމުގެ ފަސްޓް އެއިޑް ޓީމު ދަނޑަށް އަރައި އަވަސް ފަރުވާ ކުޅުންތެރިޔާއަށް ދޭން ފެށި މަންޒަރު ފެނިގެންދިޔައެވެ. އަދި ގިނައިރުތަކެއް ވަންދެން ސީޕީއާރު ދިނުމަށްފަހު، އެމަޖެންސީގައި އޭނާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެރިކްސަން އަށް ފަރުވާ ދެމުން ދިޔަ ވަގުތު ޑެންމާކްގެ ހުރިހާ ކުޅުންތެރިން އެރިކްސަން ވަށާލައިގެން ތިބި މަންޒަރެވެ. އެކުޅުންތެރިން ގިސްލަ ގިސްލާފައި ރޮމުންދިޔަ މަންޒަރު ފެނުނުއިރު ފިންލެންޑުގެ ކުޅުންތެރިން ދަނޑުގެ އެކި ހިސާބުތަކުގައި ތިބީ ހުއްޓިފަ އެވެ. އަދި ސަޕޯޓަރުންވެސް ތިބީ ހުއްޓުން އަރާފައެވެ.
އިންޓަ މިލާނަށް ކުޅޭ އެރިކްސަން އަކީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ.
އެރިކްސަނަށް ދިމާވި ހާލަތާ ގުޅިގެން މުޅި ފުޓްބޯޅަ އާއިލާ އަންނަނީ އޭނާ އަށް އަވަސް ފަރުވާއަކަށް އެދި ދުއާ ކުރަމުންނެވެ. ސޯޝަލް މީޑިއާގައި މިވަގުތު އެންމެ ބާރަށް ދެކެވެނީ އެވާހަކައެވެ.
ކޮމެންޓު ފޮނުވާ