އެންޓިބޮޑީ ޓެސްޓް: 4،000 ވުރެ ގިނަ މީހުންގެ ސާމަޕަލް ނަގަން ނިންމައިފި

އެންޓިބޮޑީ ޓެސްޓް: 4،000 ވުރެ ގިނަ މީހުންގެ ސާމަޕަލް ނަގަން ނިންމައިފި

Author
މުޙައްމަދު ޖިމީ
22 އޮކްޓޯބަރ 2020 09:16
0

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ އެންޓިބޮޑީސް ޓެސްޓްކުރާ "ސީރޯ ޕްރިވެލަންސް ސަރވޭ"ގައި 4،000 ހާހަށްވުރެ ގިނަ މީހުންގެ ސާމަޕަލް ނަގަން ނިންމައިފިއެވެ.

އެޗްޕީއޭއިން ކުރިއަށްގެންދާ ކޯވިޑް-19 ސީރޯސާރވޭލަންސް ދިރާސާއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޯވިޑު-19ގެ ވައިރަސްއަށް ހުށައެޅިފައިވާމިންވަރު ބަލައި، މާލޭސަރަހައްދުގައި ކޯވިޑު-19 ފެތުރިފައިވާ މިންވަރު ބެލުމަށް ހެދޭ ދިރާސާއެކެވެ. ދިރާސާއަށް މީހުން ހޮވާފައިވަނީ މާލެ ސަރަހައްދުގައި އުޅޭ މީހުންގެތެރެއިން ގުރުއަތުންކަމަށް އެޗްޕީއޭއިން ބުނެއެވެ. މިދިރާސާއަށް ބޭނުންވާ ޓެސްޓު ހަދާނީ 3 މިލިލީޓަރުގެ ލޭނަގައިގެންކަމަށާއި، ލޭނަގާނީ މިކަމަށް ތަމްރީނު ލިބިފައިވާ ޞިއްޙީދާއިރާގެ މީހުންކަމަށް އެޗްޕީއޭއިން ބުނެއެވެ. ލޭ ނެގުމުގައި ހުރިހާ ކަމެއް ބަހައްޓާނީ ޑަބްލިޔު.އެޗް.އޯގެ ސަލާމަތީ މިންގަޑާއި އެއްގޮތަށްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މިޓެސްޓުކުރުމަށް މާލޭ ސަރަހައްދުގެ ބައެއްތަންތަނުގައި ސްޓޭޝަންތަކެއް ބެހެއްޓޭނެކަމަށާއި، މި ސްޓޭޝަން ތައް ހުންނާނީ ކޮންމެ ދުވަހަކު (ހުކުރު ދުވަސް ފިޔަވާ) ހަވީރު 4 އިން ރޭގަނޑު 7 އަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެތަންތަނަކީ:

– މާލޭގައި: ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައެންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަން
– ހުޅުމާލޭގައި: ޖެމްސް ޕްރީސްކޫލް 
– ވިލިމަލޭގައި: ވިލިމީލެ ހޮސްޕިޓަލް 
– ބަލިހާލު ހުރިގޮތުން ޓެސްޓްކުރާތަނަށް ނާދެވޭ ހާލަތެއްގައި ހުރިނަމަ، ގެއަށް ގޮސް ސާމަޕަލް ނަގާދޭނެ

އެޗްޕީއޭއިން ބުނީ މިދިރާސާގައި ބައިވެރިވާ މީހާގެ ނަތީޖާއިން އެމީހެއްގެ ހަށިގަނޑުގައި މި ބައްޔަށް ހުށަހެޅިފައި ވޭތޯއާއި އެ ވައިރަސް އަށް ހަސިގަނޑުގައި ދިފާއީ ބަރު ހުރިތޯ އެނގޭނެކަމަށެވެ. އެމީހެއްޖެ ނަތީޖާ އެމީހަކާ މެސެޖުން ހިއްސާކުރެވޭނެކަމަށާއި، މިދިރާސާގެ ނަތީޖާ  ކޯވިޑު-19 އިން ސަލާމަތްވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންކުރެވޭނެކަމަށެވެ. މިދިރާސާ ހަދާ ފަރާތްތައްފިޔަވާ އެހެން އެއްވެސް ފަރާތަކަށް މިދިރާސާއަށް ޓަކައި ހޯދޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެވޭނެކަމަށެވެ. މިދިރާސާގައި ބައިވެރިވެފައިވަނީ ކާކުކަން ހާމަވާފަދަ އެއްވެސް މައުލޫމާތެއް ދިރާސާގެ މައުލޫމާތު ހާމަކުރާއިރު ބޭނުން ނުކުރެވޭނެކަމަށެވެ. ނަމާއި، އެޑްރެސް ފަދަ ކާކުކަން އެގޭނޭފަދަ މަޢުލޫމާތު ބޭނުންކުރާނީ ނަތީޖާ އެމީހަކަށް ރައްދު ކުރުމަށްކަމަށްވެސް އެެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނާގޮތުގައިި ދިރާސާގައި ބައިވެރިކުރުމާމެދު އެއްވެސް އިއުތިރާޒެއް ނެތްނަމަ، ލޭނަގަންދާންޖެހޭނެ ދުވަސް ގަޑި ފޯނު މެސެޖަކުން އަންގާދޭނެކަމަށާއި، މިދިރާސާގެ ނަތީޖާއާގުޅިގެން ބައިވެރިވިމީހާ އިތުރުކަމެއްކުރާކަށް ނުޖެހޭނެކަމަށެވެ. އެއީ ނަތީޖާއިން އަންގާދެނީ މީގެކުރިން ކޯވިޑް19 ޖައްސާ ވައިރަސްއަށް ހުށައެޅިފައިވޭތޯކަންކަމަށާއި، މިވަގުތު ބަލި ހުރިތޯ މިޓެސްޓަކުން ނޭގޭނެކަމަށެވެ. އެހެންކަމުން އިތުރު ޓެސްޓްކުރުން ނުވަތަ ކަރަންޓީނުވުން ފަދަ ކަމެއް މިޓެސްޓްގެ ނަތީޖާއާ ގުޅިގެން ކުރާކަށް ނުޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިރާސާގެ ބައިވެރިން ގުރުއަތުން ހޮވާފައިވަނީ އެކި އުމުރުފުރާތަކުން ޖުމްލަ 4،098 ބައިވެރިންކަމަށާއި، ބައިވެރިންގެ އަދަދު ކަނޑައަޅާފައިވަނީ ދިރާސާގެ ނަތިޖާއަކީ ޞައްހަ ނަތީޖާއަކަށް ވުމަށް އެންމެ މަދުވެގެން ބޭނުންވާ މިންވަރު ބަލައިދެން އިލްމީ ދިރާސާތައްކުރާ ގޮތްތަކަށް ބިނާކޮށްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.