ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމަށް ސިޓީ ބައިކް ޕްރޮޖެކްޓް ތައާރަފްކޮށް ހިންގުމަށް ބެންކް އޮފް މޯލްޑިވްސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި ޕްރޮޖެކްޓް ދަށުން ހުޅުމާލޭގައި ކުޑަ ކުއްޔެއްގައި އާންމުންނަށް ލިބޭނެހެން 300 ބައިސްކަލު ތައާރަފް ކުރެވިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި މި ބައިސްކަލްތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދުއްވުމަށް ބޭނުންކުރެވޭނެ ކަމަށްވެސް އެ ބެންކުން ބުނެއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ހާއްސަކުރެވޭ އެކި ސަރަހައްދުތަކުގައި ޑޮކިންގ ސްޓޭޝަން ގާއިމްކޮށް ބައިސްކަލު ޕާކުކުރުމަށް އެކަށޭނަ ޖާގަ ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. ބައިސްކަލު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސިސްޓަމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ހިދުމަތް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ނިޒާމް އެކުލެވޭ ސިސްޓަމެއް ކަމަށްވެސް އެ ބެންކުން ބުނެއެވެ.
On this #WorldBicycleDay, we are delighted to share that we have signed an MoU today with @hdcmaldives to operate a bike rental project in Hulhumale'! ?
With the project, 300 rental bikes will be made available for the public to rent and ride across the island. pic.twitter.com/xmzhtlvB4t
— Bank of Maldives (@bankofmaldives) June 3, 2021
ބެންކް އޮފް މޯލްޑިވްސް އިން ފަންޑުކޮށްގެން އެޗް.ޑީ.ސީ އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް މުޅިން އަލަށް ތައާރަފް ކުރެވޭ މި ޕްރޮގްރާމަކީ ބޭނުންތެރި ޕްރޮގްރާމެއް ކަމަށެވެ.
"ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް އެހީތެރިވެދޭ ވަސީލަތެއް. މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު އާންމު ކުރެވިގެން މިދަނީ މިއަހަރުގެ 'ވޯލްޑް ބައިސިކަލް ޑޭ' އާ ގުޅުވައިގެންކަންވެސް ފާހަގަކޮށްލަން." -ޓިމް ސޯޔަރ
އެޗްޑީސީން ބުނީ މިފަދަ ޕްރޮގްރާމެއްގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ ކޮންމެ ސަރަހައްދަކަށްވެސް އާންމުންނަށް ފަސޭހަ ކަމާއެކު ދަތުރުކުރެވޭނެ ވަސީލަތެއް، ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ގާއިމްކޮށްދިނުން ކަމަށެވެ.