ޒުވާނުން ކުރިއަރުވަން ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހޭ: މަޚްލޫފް

ޒުވާނުން ކުރިއަރުވަން ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހޭ: މަޚްލޫފް

Author
މުޙައްމަދު ޖިމީ
22 އޮކްޓޯބަރ 2020 12:37
0

ކުޅިވަރު ކުރިއަރުވައި އެހެން ހަރުފަތަކަށް ގެންދިއުމަށް ދިވެހި ތާރީޚުގައިވެސް ދަޢުލަތުގެ ބަޖެޓުން ޚަރަދު ނުކުރާވަރަށް ކުޅިވަރަށް ޚަރަދުކޮށްފައިވުމުގެ ނަތީޖާ ވަރަށް ކާމިޔާބުކަމަށް ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާލުވެއްޖެއެވެ.

މިނިސްޓަރ މަޚްލޫފް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދިޔަ "މޯލްޑިވްސް ޔޫތް ކޭމްޕް 2020″ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވާރޗުއަލްކޮށް ކުރިއަށްގެންދިޔަ މިކޭޕްގައި މިނިސްޓަރ މަޚްލޫފް ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާމިންވަރަށް މިސަރުކާރުން ޒުވާނުން ބިނާކުރުމަށް ޚަރަދުކޮށްފައިވާކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރުގައި ޒުވާނުންނާއި ގުޅުންހުރި ދާއިރާތަކުން ކުރެއްވި ކަންކަމުގައި ބޮޑެތި ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާކަމަށެވެ.

އެކަންކަމުގެ މައްޗަށް އަލިއަޅުއްވަމުން މިނިސްޓަރ މަޚްލޫފް ވިދާޅުވީ، ރާއްޖޭގެ ތާރީޚްގައިވެސް މީގެ ކުރިން މަތީ ތަޢުލީމުގެ ފުރުޞަތުތައް ޒުވާނުންނަށް ފަހިކޮށްދީފައި ނުވާ މިންވަރަށް އެ ފުރުޞަތު މިސަރުކާރުން ފަހިކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޒުވާނުން ބިނާކުރުމަށް ބޮޑު ހޭދައެއް ކޮށްފައިވާކަމަށާއި، ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް އެސް.ޑީ.އެފް.ސީއާ އެހެނިހެން ބޭންކުތައް މެދުވެރިކޮށް އެތައް ސަތޭކަ ޒުވާނުންނަށް ވިޔަފާރިތައް ފެށުމުގެ މަގު ވެސް ސަރުކާރުން ތަނަވަސްކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެތްލީޓުންނަށް ރަނގަޅު ތަމްރީނުދީ ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓުކޮށް ރާއްޖެއަށް ރަން ވަނަތަކެއް ހޯދައި ދިވެހި ޒުވާނުންވަނީ ބޮޑެތި ކާމިޔާބީތަކެއް ވަނީ ހާސިލުކޮށްފައި

-މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަޙްމަދު މަޚްލޫފް

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީތަކާއި ގުޅިގެން ކުރި މަސައްކަތުން އެތައް ހާސް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައިވާކަމަށާއި، ކުޅިވަރު ކުރިއެރުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި އެއްވެސް ބިރެއްނެތި ޒުވާނުންނަށް ބަސްބުނުމުގެ ފުރުޞަތު މިސަރުކާރުން ހޯދައިދީފައިވާކަމަށާއި، ކަންކަން ރަނގަޅުކޮށް އިސްލާހުކުރުމަށް ޒުވާނުންގެ ޚިޔާލާއި މަޝްވަރާ އާއި ފާޑުކިއުންތައް ބަލައިގަންނާނެކަމަށެވެ. އަދި ޚިޔާލުފާޅުކުރުމުގައި ކަންކަމުގެ ހައްލު ދައްކައިދިނުމަށްވެސް މިނިސްޓަރ މަޚުލޫފުވަނީ އެދިވަޑައިގެންފައެވެ.

ދެދުވަހުގެ މުއްދަތަށްކުރިއަށްދާ "ޔޫތް ޕީސް އެންޑް ސެކިއުރިޓީ" ނުވަތަ ޒުވާނުންނާއި ސުލްހަ މަސަލަސްކަން މި ޝިޔާރުގެ ދަށުން ފެށި "މޯލްޑިވްސް ޔޫތް ކޭމްޕް 2020″އަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި، ބައިވެރިވުން އިތުރުކުރުމުގެ މަޤްސަދުގައި ފެށި ކޭމްޕެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.