ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ އެންމެ މުހިއްމު އެއް މައުދަން ކަމުގައިވާ ޔޫރޭނިއަން ފައްކާކުރަމުންދާ ކާރުޚާނާތަކުގެ މައުލުމާތު އެކަށިގެންވާ މިންވަރަކަށް އީރާނުން ފޯރުކޮށްދެމުން ނުދާކަމުގައި ބުނެ، އެކަމުގެ ކަންބޮޑުވުން ހޯމަ ދުވަހު، ޔޫއެންގެ ނިއުކުލިއަރ ހަތިޔާރު އުފެއްދުން މަނާކުރާ ޖަމިއްޔާ އައިއީއޭ (IAEA)އިން ފާޅު ކޮށްފިއެވެ. އަދި މި ޖަމިއްޔާއިން ބުނެފައިވަނީ، އިރާނުން މިހާރު ފައްކާ ކޮށްފައިވާ ޔޫރޭނިއަމްގެ މިންވަރު، 2015 ވަނަ އަހަރު އެއްބަސްވެފައިވާ ނިއުކުލިއަރ ހަތިޔާރު އުފެއްދުން މަނާކުރާ އެއްބަސްވުމުގައި ކަޑައަޅާފައިވާ މިންވަރަށްވުރެ 16 ގުނަ އިތުރު ކަމުގައެވެ.
އިންޓަރނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ (IAEA)ގެ ޑިރެކްޓަރ ޖެނެރަލް ރަފޭލް ގްރޮއްސީ ވިދާޅުވެފައިވަނީ، އިރާނާއި އެޖަމިއްޔާއާއި ދެމެދު ކުރިޔަށް ގެންގޮސްފައިވާ ޓެކްނިކަލް ވާހަކަތަކުން އެކަށީގެންވާ ނަތިޖާއެއް ނިކުމެފައި ނުވާކަމަށެވެ. އޭނާ އިޝާރާތް ކުރައްވާފައިވަނީ، އިރާނުން ޔޫރޭނިއަމް މުއްސަދި ކުރުމަށް ބޭނުންކުރާ ކާރުޚާނާތަކާއި ގުޅޭގޮތުން އިރާނުގެ އޮފިޝަލުންނާއެކު ކުރިޔަށްދިޔަ ވާހަކަ ތަކަށެވެ.
އައިއިއޭއިން ތައްޔާރު ކޮށްފައިވާ އެހެން ރިޕޯޓެއްގައި އެ ޖަމިއްޔާއިން ބުނެފައިވަނީ، 2015ވަނަ އަހަރު ދުނިޔޭގެ ބާރގަދަ ގައުމުތަކާއެކު އިރާނުން އެއްބަސްވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މިންގަޑަށްވުރެ 16 ގުނަ އިތުރަށް އިރާނުން ޔޫނިއަމް މުއްސަދި ކޮށްފައި ވާކަމަށެވެ.
އަދި އައިއީއޭއިން އިތުރަށް ބުނެފައިވަނީ އިރާނުން މިހާރު މުއްސަދި ކޮށްފައިވަނީވާ ޔޫރޭނިއަމްގެ ބަރުދަނުގައި 3,241 ކިލޯ ގްރާމް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް، މިއީ އެޖަމިއްޔާއިން ޝައްކެއް ނެތް މިންވަރަށް ޔަގީންކޮށްދޭ ތަފާސް ހިސާބެއް ނޫންކަމަށްވެސް އައިއީއޭގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
އިރާނާއި ދުނިޔޭގެ މުއްސަދި ގައުމުތަކާއެކީ 2015 ވަނަ އަހަރު އެއްބަސްވެފައިވަނީ، އެގައުމަށް އެންމެ ގިނަވެގެންވެސް ފައްކާ ކުރެވޭނީ، އެކޮށް ހުންނަ މައުދަންތަކުގެ ބައެއްގައި 300 ކިލޯގްރާމްގެ ބަރުދަން ހުންނަ މިންވަރަށް ކަމުގައެވެ. މިއީ ޔޫރިނިއަމްގެ އެކަނި ބަރުދަނުން ކަމުގައިވާނަމަ، 202.8 ކިލޯ ގްރާމްގެ ބަރުމިނެވެ.
އައިއީއޭއިން އެންމެ ފަހުން ތައްޔާރު ކޮށްފައިވާ މިރިޕޯޓު، އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއީއޭގެ ގަވަރުނަރުންގެ ބޯޑަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ރިޕޯޓު އައިއީއޭއިން ނެރެފައި މިވަނީ، 2015 ވަނަ އަހަރުގެ ނިއުކުލިއަރ އެއްބަސްވުން އަބުރާ އިއާދަކުރުމަށް އިރާނުގެ އޮފިޝަލުންނާއި މި އެއްބަސްވުމުގެ ބައިވެރިންނާ ދެމެދު ވިއެނާގައި މަޝްވަރާތައް ކުރިޔަށް ދަމުން ދަނިކޮށެވެ. އަދި އެމެރިކާއިންވަނީ މިއެއްބަސްވުމަށް އެބުރި ރުޖޫޢަ ވުމަށްވެސް އެއްބަސް ވެފައެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، 2018 ވަނަ އަހަރު، އެމެރިކާ މިއެއްބަސްވުމުން ވަކިކޮށް، އިރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކޮސްފައެވެ.