އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓް ވަކިވުމަށްފަހު ދެމީހުންގެ ދަރިންގެ ކަސްޓަޑީއާ ގުޅޭގޮތުން ކޯޓުގައި އޮތް މައްސަލަ ދެމީހުންނަށްވެސް ހަމަ ހަމަކޮށް ދަރިންގެ ކަސްޓަޑީ ލިބޭނެގޮތަށް ނިންމައިިފި އެވެ.
އެހެންކަމުން މި ދެމީހުނަށްވެސް ދަރިންގެ މައްޗަށް 50 -50 ގެ ކަސްޓަޑީ ވަނީ ލިބިފައެވެ. މި ދެމީހުންގެ ދަރިންގެ ތެރެއިން ކޯޓުގައި މައްސަލަ ހިނގީ 5 ކުދިންގެ ކަސްޓަޑީއާ ގުޅޭގޮތުންނެވެ. އެއީީ ޕެކްސް (17) ޒަހަރާ (16) ޝިލޯހް (14) އަދި 12 އަހަރުގެ އެއްމާބަނޑު ދެ ކުދިން ކަމަށްވާ ނޮކްސް އަދި ވިވިއެން އެވެ. މީގެ ތެރޭގައި 19 އަހަރުގެ މެޑޮކްސް ހިމެނިފައި ނުވެއެވެ.
ކޯޓުގައި މި މައްސަލަ ކުރިއަށްގެންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އެންމެ ފަހުން ނިންމައިފައި ވަނީ އެންޖެލީނާ އަދި ބްރެޑަށް ވެސް 50-50 ގެ ޖޮއިންޓް ލީގަލް އަދި ފިޒިކަލް ކަސްޓަޑީ ދިނުމަށެވެ.

އެންޖެލީނާ މަސައްކަތް ކުރަމުން ދިޔައީ އޭނަގެ މައްޗަށް ދަރިންގެ ކަސްޓަޑީ އެއްކޮށް ހޯދުމަށެވެ. އެގޮތުން އޭނާ ވަނީ ބްރެޑާއި ދެކޮޅަށް ގެވެށި އަނިޔާގެ ހެކި ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކޮށްފައެވެ.
މި މައްސަލަ މީގެ ދުވަސްކޮޅެއް ކުރިން ނިމިފައިވާގޮތާމެދު ހިތްހަމަ ނުޖެހިގެން އެންޖެލީނާގެ ލީގަލް ޓީމުން މައްސަލަ މިހާރުވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ.
ބްރެޑް އަދި އެންޖެލީނާ ދިމާވެފައިވަނީ ފިލްމެއްގެ ސެޓުން 2004 ވަނަ އަހަރުގައިއެވެ. އެއަށް ފަހު މި ދެމީހުން ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. އަދި ދެ އަހަރުގެ ކައިވެންޏަށް ފަހު މި ދެމީހުން ވަކިވެފައިވަނީ 2016 ވަނަ އަހަރުގައެވެ. އަދި ވަރީގެ ކަންތަކުގައި ގާނޫނީ ގޮތުން ނިންމަންޖެހޭ ކަންކަން ނިމި ގާނޫނީގޮތުން ދެމީހުން ވަކިވީ 2019 ވަނަ އަހަރު އެވެ.
ކޮމެންޓު ފޮނުވާ