އައްޑޫގައި ކޮންސިއުލޭޓް ޤާއިމްކުރާ ސަބަބު ހާމަކުރުމަށް އިދިކޮޅުން ގޮވާލައިފި

އައްޑޫގައި ކޮންސިއުލޭޓް ޤާއިމްކުރާ ސަބަބު ހާމަކުރުމަށް އިދިކޮޅުން ގޮވާލައިފި

Author
މުޙައްމަދު ޖިމީ
29 މެއި 2021 02:32
0

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ޤާއިމްކުރުމަށް ބޭނުންވާ ސަބަބުތައް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ދިވެހިރާއްޖޭގެ ވަކި ސަރަޙައްދެއްގައި ޤާއިމު ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ޤަބޫލުކުރެވޭކަމަށެވެ.

ޢާންމު ގޮތެއްގައި ބޭރު ޤައުމެއްގެ އޮފީހެއް ނުވަތަ ކޮންސިއުލޭޓެއް ޤާއިމު ކުރުމަށް ޤައުމުތަކުގެ ސަރުކާރު ތަކުން ކުރަމުން ގެންދާ އާދަކާދައަށް ބަލާއިރު، އެކަމުގެ ރަސްމީ މަޝްވަރާތައް ދެ ޤައުމުގެ ދޭތެރޭ ކުރެވޭނެކަމށާއި، ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ޤާއިމު ކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި އެ އޮފީހެއް ނިސްބަތް ވާ ޤައުމުގެ ރައްޔިތުން ގިނަ ޢަދަދަކަށް އޮފީސް ޤާއިމު ކުރެވޭ ސަރަޙައްދުގައި އުޅޭތީ އެފަރާތްތަކަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވުން އެއީ މައިގަނޑު އެއްސަބަބު ކަމުގައި ވަނީ ބެލެވިފައިކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމަށްވާއިރު، ރާއްޖޭގެ ވެރިރަށް މާލޭގައި ޤާއިމު ކުރެވިފައިވާ އިންޑިއާގެ ހައިކޮމިޝަން ގެ އިތުރުން، އިތުރު އެހެން ސަރަޙައްދެއްގައި އެޤައުމުގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ސަބަބެއް ފެންނާން ނެތް އިރު، މިފަދަ ޙައްސާސް ވަގުތެއްގައި އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައި ވުމަކީ ސުވާލު އުފެދޭ ކަމެކެވެ. އަދި އެކަމުގައި ދިވެހި ސަރުކާރުން ޢަމަލު ކުރަމުން ގެންދާ ގޮތާ މެދު މިކޯލިޝަންގެ ކަންބޮޑުވުން ފާޅު ކުރަމެވެ.

– ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

އިދިކޮޅުގެ ބަޔާނުގައި އެފަދަ ނިންމުމެއް ނިންމަންވާނީ، އެފަދަ ހުށަހެޅުމެއް ދިވެހި ސަރުކާރަށް ލިބި، އެކަމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ދިވެހި ސަރުކާރަށް ފެނިއްޖެ ހިނދެގައި، ލިޔެވި ގެޒެޓް ކުރެވިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމުގައިވެސް ޤަބޫލުކުރާކަމަށް ބުނެފައިވެއެވެ.  މިފަހަކަށް އައިސް އިންޑިއާއާއި ރާއްޖެއާ ދެމެދު ހިނގާ ބައެއް މުއާމަލާތްތަކުގެ ފުރިހަމަ ތަފްސީލް އާންމުކުރުމަށް ދިވެހި ސަރުކާރުން ފަސްޖެހުމާއި އެކަމުގެ ކަންބޮޑުވުންތައް ދިވެހި ރައްޔިތުން ނުހަނު ބޮޑަށް ފާޅުކުރަމުން ގެންދާ މިފަދަ ދަނޑިވަޅެއްގައި، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމުގެ ވާހަކަވެސް ޢާންމު ރައްޔިތުންނާ ހަމައަށް ތިލަވެގެން މިއައީ އެކަން ހިނގަންވާނެ އެންމެ ރަނގަޅު މަގުން ނޫންކަމުގައި އެ ކޯލިޝަނުން ދެކޭކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ޤާއިމުކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އިސްކަންދީ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށްވެސް މިފުރުޞަތުގައި ގޮވާލަމެވެ. އެއާއެކު ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަމަށް ޖާގަ ނުދިނުމަށް އިލްތިމާސް ކުރަމެވެ.

– ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. އެކަމާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށާއި، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނަ އިރު، އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި، އެހެންކަމުން އިންޑިއާގެ ނިންމުމާ ދޭތެރޭވެސް ވިސްނަންޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.