މާލީގެ ވަގުތީ ރައީސްކަމަށް ކޯޓުން އައްޔަން ކޮށްފައިވާ ، ބަޢާވާތުގައި އެންމެ އިސްކޮށް ހުންނެވި އައްސިމީ ގޮއިޓާ

މާލީގެ ބަޢާވާތުގެ ވެރިޔާއަކީ އެގައުމުގެ ވަގުތީ ލީޑަރުކަމަށް ކޯޓުން ކަނޑައަޅައިފި

މާލީގެ ބަޢާވާތުގެ ވެރިޔާއަކީ އެގައުމުގެ ވަގުތީ ލީޑަރުކަމަށް ކޯޓުން ކަނޑައަޅައިފި

މާލީގެ ރައީސްއާއި ބޮޑުވަޒީރު ހައްޔަރުކޮށް، މިހަފްތާގައި އެގައުމުގަށް ގެނައި ބަޢާވާތުގައި އިސްކޮށް ހުންވެރި އަސްކަރީ ވެރިޔާ، ކާނަލް އައްސިމީ ގޮއިޓާއަކީ މާލީގެ ވަގުތީ ރައީސް ކަމުގައި އެގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ކޯޓުން ހުކުރު ދުވަހު ނެރުނު އަމުރުގައި ވާގޮތުން "އިންތިގާލީ މަރުހަލާ ފުރިހަމަވެ ނިމެންދެން އެންމެ އިސްވެރިޔާއަކީ" އައްސިމީ ގޮއިޓާއެވެ. އަދި އެ މުއްދަތުގައި އޭނާއަކީ "އިންތގާލީ ރައީސް، އަދި ގައުމުގެ އެންމެ އިސް ވެރިޔާ" އެވެ.

ކޯޓުން ބުނެފައިވަނީ، މި ނިންމުން ނިންމަން ޖެހުނީ، އެގައުމުގެ ވަގުތީ ރައީސްކަމުގެ މަގާމުގައި ހުންނެވި ބާހު އެންޑޯވް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެގައުމުގެ ރައީސްކަމުގެ މަގާމް ހުސްވެފައިވާތީއެވެ.

އުމުރުން 38 އަހަރުގެ އައްސިމީ ގޮއިޓާ މިހާތަނާ ޖެހެންދެން ހުންނެވީ، އިސްތިއުފާ ދެއްވި ރައީސް ބާހު އެންޑޯވްގެ ނާއިބެއްގެ މަގާމުގައެވެ. އެހެންނަމަވެސް ފާއިތުވި ހަފްތާގައި މާލީގެ ކެބިނެޓަށް ގެންނެވި ބަދަލެއްގައި، ކެބިނެޓް ވަޒީރުންގެ ގޮތުގައި ތިބި އަސްކަރިއްޔާގެ ދެބޭފުޅަކަށް މަގާމް ގެއްލިގެން ދިއުމާއެކު، ފާއިތިވެދިޔަ ހަފްތާގެ ހޯމަ ދުވަހު، އަސްކަރިއްޔާއިންވަނީ މާލީގެ ރައީސް ހައްޔަރު ކޮށްފައެވެ.

އަދި އެންޑޯވް ވަނީ، ހައްޔަރު ކޮށްފައި ހުންނަވަނިކޮށް މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއަށްފަހު އޭނާވަނީ ހައްޔަރުން ދޫކޮށްލެވިފައެވެ.

މާލީގެ ވަގުތީ ރައީސްއަކީ އައްސިމީ ގޮއިޓާކަމަށް އެގައުމުގެ ކޯޓުން ކަނޑައަޅާފައި މިވަނީ، މާލީއަށް ގެނައި ބަޢާވާތާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވެސްޓް އެފްރިކަން ގައުމުތަކުގެ ލީޑަރުން އާދީއްތަ ދުވަހު ބައްދަލުކޮށް މަޝްވަރާކުރަން ހަމަޖެހިފައި ވަނިކޮށެވެ.

އެފްރިކާ ބައްރުގެ އަދި ހުޅަނގު އެފްރިކާ ގައުމުތަކުގެ ލީޑަރުންގެ އެންމެބޮޑު ކަންބޮޑުވުމަކީ، މާލީއަށް މިގެނެވުނު ބަޢާވާތުގެ ސަބަބުން އެގައުމުގައި ހަމަނުޖެހުން އުފެދި، އަލްގައިދާ އަދި އައިސިސްއާއި ގުޅުން ހުރި ޖަމާއަތްތަކާ ދެކޮޅަށް އެފްރިކާ ބައްރުގައި ކުރެވެމުންދާ ހަގުރާމަތަކަށް އޭގެ އަސަރު ކޮށްފާނެތީއެވެ.

ފާއިތުވެދިޔަ އަހަރުގެ އޯގަސްޓް މަހު، އައްސިމީ ގޮއިޓާ އިސްވެ ހުންނަވާ، މާލީގެ އޭރުގެ އިންތިޚާބީ ރައީސް އިބްރާހިމް ބޯބަކަރު ކެއިޓާ މަގާމުން ދުރުކޮށް އެގައުމަށް ބަޢާވާތެއް ގެނައެވެ. އެފަހަރުގެ ބަޢާވާތަކީ، ކޮރަޕްޝަންއާއި ދެކޮޅަށް އެގައުމުގައި ކުރެވެމުންދިޔަ މުޒާހިރާތަކާއި، އަދި ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ކުރެވެމުންދިޔަ ހަރަކާތްތަކުގެ އޭރުގެ ސަރުކާރު ފެއިލްވެގެން ދިއުމާއިގުޅިގެން އައްސިމީ ގޮއިޓާ ގެނައި ބަޢާވާތެކެވެ.

އެހެންނަމަވެސް، އެފަހަރު، ސަރަހައްދީ ޖަމާއަތްތަކުން މާލީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމާއި ގުޅިގެން އައްސިމީ ގޮއިޓާއާއި އަދި ބަޢާވާތުގެ އެންމެ އިސް ޖެނެރަލުން އޭރު، މަދަނީ ވެރިކަމަކާއި ބާރުތައް ހަވާލުކުރަން އެއްބަސްވިއެވެ.

އަދި، އައްސިމީ ގޮއިޓާ ނާއިބު ރައީސްކަމަށް އިސްކޮށް، އޭނާގެ އަރިސް ޖެނެރަލުންނަށް ކެބިނެޓްގެ މުހިންމު މަގާމްތައް ދެވުނެވެ.

އޭރު ގެނެވުނު ބަޢާވާތަށްފަހު، 15 މެމްބަރު ގައުމުތަކުގެ މައްޗަށް އެކުލެވޭ އިކޮނޮމިކް މޮކިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (ECOWAS) އިން ނިންމާފައިވަނީ، މާލީގެ އިންތިގާލީ ސަރުކާރުން، އަންނަ އަހަރުގެ ފެބްރުއަރީމަހުގެ އިންތިޚާބާއި ހަމައަށް ދެމިއޮންނަން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި، ނާއިބު ރައީސްކަމަށް އައްޔަން ކުރެވުނު އައްސިމީ ގޮއިޓާ އެގައުމުގެ ރައީސް މަގާމުން ދުރުކޮށް ރައީސްކަމުގެ މަގާމާ ހަވާލުވެގެން ނުވާނެކަމަށްވެސް (ECOWAS) ނިންމާފައި ވެއެވެ.

(ECOWAS)ގެ އެންމެ އިސްވެރިން މާލީގެ ހާލަތާއި ގުޅިގެން އަލުން މަޝްވަރާ ކުރުމަށް ބައްދަލު ކުރުމަށ ހަމަޖެހިފައިވަނީ މިހަފްތާގެ އަންގާރަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ސުރުހީއާ ލިޔެފަ އޮތް އެއްޗަކާ ދިމައެއް ނުވޭ.
    ކޯޓުން ކަނޑައެޅީ ލީޑަރ ކަމަށްތަ ނޫނީ ބަގާވަަތުގެ ވެރިޔާ ކަމަށް ތަ؟

Leave a Reply

Your email address will not be published. Required fields are marked *