ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ މައްސަލަތަކެއް، އެޗްއާރުސީއެމްގެ ކަންބޮޑުވުން!

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ މައްސަލަތަކެއް، އެޗްއާރުސީއެމްގެ ކަންބޮޑުވުން!

Author
މުޙައްމަދު ޖިމީ
28 މެއި 2021 12:06
0

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސް (އެޗްއާރުސީއެމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ވަނީ، ކޮވިޑް-19 އަށް ފަރުވާދޭ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް އެކޮމިޝަނުގެ ސަމާލުކަމަށް އައުމާގުޅިގެން މިމަހުގެ 25 ވަނަ ދުވަހު އެ ފެސިލިޓީއަށް ޒިޔާރަތް ކޮށްފައިވާކަމަށެވެ. މި ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ޕޮޒިޓިވްވާ މީހުން އެނދުމަތިކޮށްގެން ސިއްޙީގޮތުން ދޭންޖެހޭ ހުރިހާ ފަރުވާއެއް ދިނުމަށް ޤާއިމުކޮށްފައިވާ ތަނަކަށްވާއިރު ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ޢަދަދަށާއި، ބަލިމީހުންގެ ސިއްޙީ ޙާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ނަރުހުންކަމަށްވާއިރު ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް އެ މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަންވެސް އެޗްއާރުސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.

ބަލިމީހުންގެ ޢާއިލާތަކުން ފޮނުވާ ތަކެތި ބަލައިގަންނަ ވަކި ގަޑިތަކެއް ފެސިލިޓީ ބޭރުގައި ހަރުކޮށްފައިވާކަމާއި، ޢާއިލާތަކުން ފޮނުވާ ކާބޯތަކެއްޗާއި އެފަދަ އެހެނިހެން ތަކެތި ބަހައްޓާ ތަނުގައި އަބަދުވެސް މީހަކު ހުންނައިރު މިގޮތަށް ގެނެވޭ ތަކެތި ވަގުތުން އެ ވޯޑެއްގައި އެކަމަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ގެންދާކަމާއި، ނަމަވެސް އެތަނުން ބަލިމީހާއާ ހަމައަށް އެ ތަކެތި ގެންދަނީ އެޓެންޑެންޓެއް ނުވަތަ ނަރުހުންކަމަށްވުމުން، އެ ފަރާތްތަކުގެ މަސައްކަތް ހުންނަގޮތުން ބަލިމީހާއާ ހަމައަށް ތަކެތި ގެންގޮސްދިނުމުގައި ލަސްވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ.

– އެޗްއާރުސީއެމް

އެޗްއާރުސީއެމް އިން ބުނީ ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ޑައެޓީޝަނެއްގެ ލަފާގެމަތިން އެ މީހެއްގެ ބައްޔާގުޅޭގޮތުން ކެއުން ފޯރުކޮށްދޭކަމާއި، ކޮންމެ ގަޑިއަކަށް ކެއުން އޯޑަރ ކުރާއިރު، އެވަގުތެއްގައި ފެސިލިޓީގައި ތިބި ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށްފަހު އެ އަދަދަށް އޯޑަރ ކުރިކަމުގައިވިޔަސް، މިފަދަ ތަނަކުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ބަލިމީހުންގެ ޙާލަތަށް ރިޢާޔަތްކުރާއިރު، އެންމެ
އެކަށީގެންވާ ކެއުމެއްނޫންކަން ފާހަގަކުރެވިފައިވާކަމަށެވެ.

އޭގެއިތުރުން، ބަލިމީހުން މިހާރު ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިވާންޖެހޭކަން ބައެއް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން ދީފައިވާ މަޢުލޫމާތުން އެކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށާއި، އެ ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ފައްސިވާ މީހުން އެކަނި އެޑްމިޓްކޮށްގެން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ތަނަކަށް ވީނަމަވެސް އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލިމީހުންގެ އެހީތެރިންވެސް މިހާރު ތަނުގައި ތިބޭކަމާއި، މިހެންވުމުގެ ސަބަބުން ތަނުގެ ޖާގައަށްވުރެ އިތުރަށް މީހުން ވޯޑުތަކުގައި ތިބެންޖެހުމުގެ ސަބަބުން އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭކަންވެސް އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.

ކޮމިޝަނުން ބެލި ބެލުމުން ފެސިލިޓީގައި މީހަކު އެޑްމިޓް ކުރުމަށްފަހު ކުއްލި ޙާލަތްތަކުގައި ބަލިމީހުންގެ ކަންކަމުގައި ޢާއިލާއަށް ގުޅޭނެ ފޯން ނަންބަރެއް ހޯދާކަމާއި، އަދި އެ މީހަކަށް ބަލިމީހާ އެޑްމިޓް ކުރި ވޯޑާއި އެނދު ނަމްބަރު އަންގާއިރު ބަލިމީހާގެ ޙާލަތު ބަދަލުވާނަމަ ޑޮކްޓަރެއް އެ މަޢުލޫމާތު ޢާއިލާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި ބަލިމީހުންގެ މަޢުލޫމާތު ޢާއިލާތަކަށް ފޯރުކޮށް ދިނުމަށް ވަކި ފަރާތެއް ހަމަޖައްސާފައި ވީނަމަވެސް އެ ފަރާތަށް ވޯޑުތަކުން މަޢުލޫމާތު ލިބުން ލަސްވުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި ޢާއިލާތަކަށް ބަލިމީހާގެ މަޢުލޫމާތު ފޯރުކޮށް ނުދެވޭކަން ފާހަގަކުރެވިފައިވެއެވެ.

– އެޗްއާރުސީއެމް

އެޗްއާރުސީއެމް އިން ބުނީ، ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭއިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްނުދެވޭކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށާއި، އެހެންކަމުން އެ އެހީތެރިކަން އެ މުވައްޒަފުންނަށް ފޯރުކޮށް ދިނުމަކީ މި ކޮމިޝަނުން ބާރު އަޅާ ކަމެއްކަމަށެވެ.

ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތްކުރުވާކަމާ އަދި މިހާގިނައިރު މަސައްކަތްކުރުވާއިރު މި މުވައްޒަފުންނަށް މުސާރަވެސް ނުދިނުމުގެ މައްސަލަތަކެއްވެސް މި ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން މި ޒިޔާރަތުގައި ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮގްކޮށް ބަލަމުންދާ ވާހަކަ ދަންނަވަމެވެ. މި ކޮމިޝަނުން ދަނީ ގައުމުގައި ދިމާވާ މިފަދަ ހައްސާސީ މައްސަލަތައް ވަރަށް ގާތުން ބަލަމުންނެވެ. އަދި އާންމުންނާ ގުޅުންހުރި މިފަދަ މަޢުލޫމާތުތައް ހޯދާ ވީހާވެސް އަވަހަށް ރައްޔިތުންނަށް ލިބެން ޖެހޭ ހައްޤުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މި ކޮމިޝަންގެ އަމާޒެކެވެ.

– އެޗްއާރުސީއެމް

އެޗްއާރުސީއެމް އިން ކޯވިޑް ފެސިލިޓީއަށް ގޮސް އެތަނުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައ މިވަނީ، އެ ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން ދުވަސްވީ މީހަކަށް، އޭނާއަށް އެހީތެރިވުމަށް ހުރި މީހާ އަނިޔާކުރާ ވީޑިއޯއެއް އާންމުވެފައިވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޤ ޤާސިމު
މިހާރު ހުރި ނާގާބިލު ހެލުތުގެ މިނިސްޓަރު ވަސީމު އެތަނުން ބޭރުނުކޮށް ކޮވިޑުގެ އެއްކަމެއްވެސް ރަނގަޅު ވާނެކަމަކަށް ނުފެނެ