ކޯވިޑް-19ގެ ވެކްސިން ރާއްޖެއަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ރަޝިޔާއިން ދީފިއެވެ.
ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެޤައުމުން ދީފައި މިވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދާއި، ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރުގޭ ލަވްރޯފް ފޯނުން ގުުޅުވައި ކުރެއްވި މަޝްވަރާތަކުގައެވެ.
ރަޝިޔާގެ ފޮރިން މިނިސްޓަރާއެކު މުހިންމު މަޝްވަރާތަކެއް ކުރެއްވިކަން ހާމަކުރައްވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދﷲ ޝާހިދު ވިދާޅުވީ، ވެކްސިން ލިބުމަށް އޮތް ދަތިތައް ހައްލުކުރުމާއ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
A pleasure to speak with Foreign Minister of Russia Mr. Sergey Lavrov on the phone today. We discussed on expediting the procurement of Covid-19 vaccines from Russia and reassured to strengthen our cooperation both bilaterally and at multilateral forums. @mfa_russia pic.twitter.com/JOXYicrmjO
— Abdulla Shahid (@abdulla_shahid) May 27, 2021
މީގެ ކުރިންވެސް މިނިސްޓަރ ޝާހިދާއި، ރަޝިޔާގެ ފޮރިން މިނިސްޓަރ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ކޯވިޑް 19 އިން ލިބޭނެ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރަޝިއާގެ އެހީތެރިކަމަށް އެދިވަޑައިގެންފައިވެއެވެ.
ކޯވިޑް-19 ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުންދާތީ، ވެކްސިން އުފައްދާ ޤައުމުތަކުން އެހެން ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ވަނީ ދަތިވެފައެވެ. ނަމަވެސް ރާއްޖެއަށް ވެކްސިން ހޯދުމަށް ފޮރިން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ރަޝިޔާއިން ކޯވިޑާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިނަކީ ސްޕަޓްނިކް ވީ އެވެ. އެ ވެކްސިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގައި ދިނުމުގެ ހުއްދަ ދީފައި ވީނަމަވެސް، އަދި ރާއްޖޭގައި އެވެކްސިން ދޭން ފަށަފައެއް ނުވެއެވެ.
ރަޝީޔާއިން އުފައްދާ ވެކްސިން ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން އެޤައުމުން ދީފައިވާއިރު، ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ 200،000 ޑޯޒް ގަތުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދާދި ފަހުން ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ، ދެތިން ދުވަހުގެ ތެރޭގައި ރަޝީޔާގެ ކޯވިޑް ވެކްސިނަށް އޯޑަރު ދެވޭނެކަމަށެވެ. އެކަމަށްޓަކައި ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތް ފުރިހަމަކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ވެކްސިން ގެނައުމަށް އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެކަމަށާއި، ސޮއިކުރެވޭތާ 4 ވަރަކަށް ހަފްތާގެ ތެރޭގައި ވެކްސިން ރާއްޖެއަށް ގެނެވޭނެކަމަށް ވިދާޅުވިއެވެ.
ސްޕަޓްނިކް-5 ވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއްކަމަށްވާ “ދި ގަމާލޭޔާ ނޭޝެނަލް ސެންޓަރ އޮފް އެޕިޑާރމަލޮޖީ އެންޑް މައިކްރޯބައޮލޮޖީ” އިންނެވެ. އަދި ދުނިޔޭގެ 66 ޤައުމެއްގައި އިމަރޖެންސީ ޔޫސް އެޕްރޫވަލް ލިބި، މިހާރުވެސް އަންނަނީ މި ވެކްސިން ބޭނުންކުރަމުންނެވެ.
މި ވެކްސިން ބަހައްޓަންޖެހޭނީ -18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައެވެ. އެމް.އެފް.ޑީ.އޭއިން މި ވެކްސިނަށް ހުއްދަ ދީފައިވަނީ ވެކްސިން ރާއްޖެ އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް “ކޯލްޑް ޗެއިން” ބެލެހެއްޓުމަށް ޝަރުތުކޮށްގެންނެވެ. އަދި އެމް.އެފް.ޑީ.އޭއާއި މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއާއި ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުންދާނެކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
ރާއްޖޭގައި މިހާތަނަށް ހުއްދަ ދީފައިވަނީ 4 ވެކްސިނަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮވިޝީލްޑް ވެކްސިނާއި، ސައިނޮފާމް ވެކްސިންނާއި ފައިޒާ ވެކްސިންގެ އިތުރުން ސްޕަޓްނިކް ވީ ވެކްސިނެވެ.
ކޮމެންޓު ފޮނުވާ