ކޯވިޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ގއ.ކޮވިޑް މެނޭޖުމެންޓް ފެސިލިޓިގައި ފަރުވާދެމުންއައި ޢުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 151 ވަނަ މީހާއެވެ. އަދި މިއީ މިއަދު ނިޔާވި 3 ވަނަ މީހާއެވެ.
މިބަލީގައި މިއަދު ފުރަތަމަ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ ދަންވަރު 2:40 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން މި ކޯވިޑް ބަލީގައި ދެން މިއަދު ހެނދުނު ނިޔާވީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާއަކީ އައިޖީއެމްއެޗް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އައި މީހެކެވެ.
މިއާއެކު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވީ ދިވެހީންގެ އަދަދު މިވަނީ 135 އަށް އަރާފައެވެ. މީގެ އިތުރުން 16 ބިދޭސީން ވެސް ރާއްޖޭގައި ވަނީ ކޯވިޑްބަލީގައި ދުނިޔެ ދޫކޮށްފައެވެ.
ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރޭވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ