ލެސްޓާ ސިޓީގެ އިނގިރޭސި ފޯވާޑް ޖޭމީ ވާޑީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ވަރުގަދަ ފިލްމް ޕްރޮޑިއުސަރުންގެ ޓީމަކުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ސްކްރީންރައިޓަރ އެޑްރިއަން ބަޓްޗާޓް ވެސް ހިމެނިގެން ހަދާ މި ފިލްމް ވެގެންދާނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ހަޔާތަށް ހެދޭ އެންމެ އަގުބޮޑު ފިލްމަށެވެ. ބަޓްޗާޓަކީ ފުޓްބޯޅައިގެ ފިލްމެއް ކަމަށްވާ "ގޯލް" ގައި މަސައްކަތްކުރި ފަރާތެކެވެ.
އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ޕްރޮޑިއުސަރުން ކަމަށްވާ ގަރެތު-އެލިސް އަންވިން އާއި ސިމޯން އީގަން އާއި އެ މީހުންގެ ހިއްސާ އޮންނަ ބެޑްލަމް ޕްރޮޑްކްޝަނުން މިހާރު ވަނީ ފިލްމް ހަދަން ވާޑީއާ އެކު މަޝްވަރާތަކެއް ބާއްވައިފަ އެވެ. ދެން މި ފިލްމްގެ މަސައްކަތްތަކުގައި އުޅޭ ޕްރޮޑިއުސަރުންނަކީ ޕޯލް ޓަމާސީ އާއި އެރިކް ޖޯންސަން އެވެ.
ވާޑީގެ ރޯލު ކުޅުމަށް މަޝްހޫރު އެކްޓަރުންނާ އަންނަނީ މަޝްވަރާ ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އެ ރޯލު ހުށަހަޅަން މަޝްވަރާ ކުރާ އެކްޓަރުންގެ ތެރޭގައި ޒެކް އެފްރަން، ރޮބާޓް ޕެޓިންސަން އަދި ލުއިސް ޓޮމްލިންސަންއާ ހިމެނެ އެވެ.
ވާޑީ، 2011 ވަނަ އަހަރު އިނގިރޭސި ފުޓްބޯޅަ ލީގުގައި ރަޖިސްޓްރީވެފައިވާ އެއްވެސް ޑިވިޝަނެއްގައި ވާދަނުުކުރާ ފްލީޓްވުޑް ޓައުން އިން ލެސްޓާއާ ގުޅުނީ އެއް މިލިއަން ޕައުންޑަށެވެ. މިއީ ނޮން ލީގު ޓީމަކުން ކުޅުންތެރިއަކު ގަންނަން ކްލަބަކުން ހޭދަކުރި އެންމެ އަގުބޮޑު ފީ އެވެ.
ވާޑީ ވަނީ 2015 އިން 2018 އަށް އިންގްލެންޑް ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.