ރާޢްޖެއިން އިތުރު 45މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 45 މީހެކެވެ.
ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ 45 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި، 37 ބިދޭސީންނެވެ. މީގެތެރެއިން 42 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވް ވެފައިވަނީ 3 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް 11،316 މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 7،243 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ 4073 އެވެ. ރާއްޖޭގައި މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 988 މީހުންނެވެ. އޭގެ ތެރެއިން 38 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ. އަދި 340 މީހަކަށް ފަރުވާދެމުންދަނީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު އިތުރު 50 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،284 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފެނިފައިވަނީ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދަށް 226 ދުވަސް ވެފައިވާއިރު، ރާއްޖެއިން މި ބަލީގައި މިހާތަނަށް 37 މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖެއިން މިހާތަނަށް މި ބަލީގައި ނިޔާވެފައިވަނީ 30 ދިވެހިންނާއި 7 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ