ޙުކުމުގެ މުއްދަތު ހަމަވިއިރުވެސް 15 މިލިއަނުގެ ބަދަލެއް ނުލިބޭ: އިބުރާ

ޙުކުމުގެ މުއްދަތު ހަމަވިއިރުވެސް 15 މިލިއަނުގެ ބަދަލެއް ނުލިބޭ: އިބުރާ

Author
މުޙައްމަދު ޖިމީ
26 މެއި 2021 06:01
0

މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި މައްސަލާގައި ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ކުރި ހުކުމާއި އެއްގޮތަށް ފައިސާ ލިބިފައި ނުވާކަމަށް އެ ކުންފުނީގެ ވެރިޔާ އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އެމްއީއެސް ހުރި ޢިމާރާތުގައި ޕްރައިވެޓް އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު 28 ޑިސެމްބަރު 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނަށް ލިބިފައިވާ ޙައްޤުތަކާއި އިލްތިޒާމްތައް 6 އެޕްރީލް 2010 ގައި މަންދުކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް އޮތީ ބަދަލުކޮށްފައެވެ. މަންދުކޮލެޖް ހިންގަމުންދަނިކޮށް އިއްޒުއްދީން މިހާރު ހިންގަމުންދާ އިމާރާތް އެޑިއުކޭޝަނުން ބަންދުކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ.

އެ މައްސަލަ މަންދު ކޮލެޖުގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.

މި ހުކުމްތަކަށް ފަހު، ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެ އެއްބަސްވުމާއި އެއްގޮތަށް ކޯޓުން ހުކުމްކުރީ އެއްމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށެވެ. އެ މުއްދަތު ހަމަވީ މިމަހުގެ 18 އަށެވެ.

އޮންލައިން ނޫސް "މިހާރު"އަށް އިބުރާ ދެއްވާފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ހުކުމުގެ މުއްދަތު ހަމަވިއިރުވެސް އެ ފައިސާ ލިބިފައ ނުވާކަމަށެވެ. އަދި އެ ފައިސާ ލިބުމުގައި ލަސްވާ ސަބަބެއްވެސް އެނގިވަޑައިނުގަންނަވާކަމަށްވެސް އިބުރާ ވިދާޅުވިއެވެ.

މަންދު ކޮލެޖަށް އެހާ ބޯޑު ޢަދަދެއް ދިނުމަށް ދައުލަތުން އެއްބަސްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. ނަމަވެސް ނިންމެވުން ދިފާއުކުރައްވާ ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ، މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓޭޑަށް ބަދަލުގެ ގޮތުގައި15 މިލިއަން ރުފިޔާ ދިނުމަށް ނިންމެވީ، ޝަރީޢަތުން މައްސަލަ ނިންމުމަށް އިތުރު މުއްދަތު ހޭދަ ކުރަންޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ޢަދަދު އިތުރުވެގެން ދިއުމުގެ އިޙްތިމާލް އޮތުމުންކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.