ކޯވީޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިއަދު ނިޔާވި 2 ވަނަ މީހާއެވެ. މިއަދު ވަނީ އައްޑޫ ސިޓިންވެސް މިބަލީގައި މީހަކު ނިޔާވެފައެވެ.
ރާއްޖެއިން މިހާތަނަށް ވަނީ 146 މީހަކު ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 130 ދިވެހިންނާ 16 ބިދޭސީންނެވެ.
މި ހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19 ބަލީގައި ރެކޯޑް އަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަސް ފެށުނުއިރު ކޯވިޑް 19ގައި ނިޔާވި މީހުންގެ އަދަދުހުރީ 62 ގައެވެ. އެއީ 54 ދިވެހިންނާ 8 ބިދޭސީންނެވެ. މިމަހުގެ މިހާތަނަށް މިބަލީގައި 84 މީހުން މިވަނީ ނިޔާވެފައެވެ. އެއީ 75 ދިވެހިންނާ 8 ބިދޭސީންނެވެ.
ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރޭވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ